ތަފާތުބޮޑު ނަތީޖާއެއް ކަމަށްވާ 8-2 އިން ވެލެންސިއާ ބަލިކޮށް ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގެ ނިމުން ވިކްޓަރީ ރޭ ރަނގަޅުކޮށްފި އެވެ.

ލީގުގެ ގަދަ ހަޔަކުން ޖާގަ ގެއްލި ރެލިގޭޝަން ކުޅެން ޖެހިފައިވާ ވެލެންސިއާކޮޅަށް ވިކްޓަރީގެ މުހައްމަދު އުމޭރާއި ޗިންދާ ކަކާ އަދި ހަންސްލީ އަވީލޯ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިފަ އެވެ. ވިކްޓަރީން ދެން ލަނޑު ޖެހީ އަލީ ފާސިރު (ސެންޓޭ) އާއި ފައުޒާން ހަބީބެވެ. މީގެ ތެރެއިން ސެންޓޭގެ ލަނޑަކީ މި އަހަރުގެ ޕްރީ ސީޒަނުގައި އަނިޔާވިފަހުން ފުރަތަމަ ފަހަރަށް ކުޅެން ނުކުމެ ވިކްޓަރީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

މިގޯލާމެދު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. އަދި ސެންޓޭ ކުޅެން ނުކުތުމުން ވިކްޓަރީގެ ކުޅުންތެރިން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ވެލެންސިއާގެ ގޯލުތައް ޖެހީ ބެނިން ފޯވަޑް ވިސްޑަމް ސޮލޮމަން އާއި އިބްރާހީމް ހަމްދާން (މެސީ) އެވެ.
މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ވިކްޓަރީ އިމްޕްރޫވް ވަމުން އަންނަ ކަމަށެވެ.
ވެެލެންސިއާގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ޒުވާން ކުޅުންތެރިން ލައިގެން ކުޅުން ގޯސް ނޫން ކަމަށާއި ނަމަވެސް ހީކުރިވަރަށްވުރެ ގިނަ ގޯލުތައް ވަން ކަމަށެވެ.

މި މެޗުން މޮޅުވުމުން ދެ ވަނަ ބުރު ނިމުނު އިރު ވިކްޓަރީ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ވެލެންސިއާ އަށް 8 ޕޮއިންޓެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ކުޅޭނީ އީގަލްސް އާއި ވިޔަންސާ އެވެ. މި މެޗުން މޮޅުވުން ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ ވިޔަންސާ އަށް ރެލިގޭޝަން ކުޅެން ޖެހޭނެ އެވެ. ވިޔަންސާ މޮޅުވެއްޖެނަމަ ރެލިގޭޝަނަށް ދާނީ މިހާރު 11 ޕޮއިންޓާއެކު އޮތް އޭވައިއެލް އެވެ. ވިޔަންސާ އަށް މިހާރު ލިބިފައިވަނީ 9 ޕޮއިންޓެވެ.