ގދ. ތިނަދޫގައި މިރޭ ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލަދީ 18 އަހަރުގެ ޒުވާނަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.

މިރޭގެ މާރާމާރީގައި ޒަޚަމްކޮށްލި ތިނަދޫ، އަލްބޭނިއާގޭ، އަހުމަދު ޝާކިރު (ބޭޑޭ) 18 އަހަރަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުން ނެވެ.

އޭނާ އަށް ފަރުވާދެމުން އަންނަ ތިނަދޫ ހޮސްޕިޓަލުން ބުނީ ޝާކިރުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފުއްޕާމެއަށާއި ބޮލަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައި ހުރި ކަމަށެވެ. އަދި ޝާކިރުގެ ފުއްޕާމޭގައި ވައިހެދިފައި ހުރި އިރު އޭނާގެ ފުއްޕާމެއަށް ޓިއުބެއް ލައްވަން ޖެހިފައިވާ ކަމަށެވެ. ހޮސްޕިޓަލުން އަދި ބުނީ މޮހޮރުޖަހާފައި ހުރި ފަތިގަނޑަކުން ބޮލުގައި ތަޅާ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި ހުރި އިރު ބުރަކަށް ޓަށާއި ގައިގެ އެތަން މިތަނަށް އަނިޔާ ކޮށްފައި ހުރި ކަމަށެވެ.

ޝާކިރަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.

ފުލުހުން ބުނީ އެމާރާމާރީ ހިނގީ މިރޭ 9:15 ހާއިރު ކަމަށާއި އެމައްސަލައާއި ގުޅިގެން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކު ތިނަދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތިނަދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ މާރާމާރީގައި ޒަޚަމްކޮށްލި މީހާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާއި އެރަށު މީހުންނަށް ތަފާތު އުނދަގޫ ކުރާ މީހެއް ކަމަށެވެ. އަދި މިއަދު ހަވީރު ވެސް މީހެއްގެ ފޯނާއި އައިނުފޭރިގަތް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން ވަކިއެއްޗެއް އަދި ނުބުނެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހާ އަދި ބުނީ ޝާކިރަށް ހަމަލަދީފައި ވަނީ މިރޭ ފިހާރައެއްގެ ތެރޭ ހުއްޓައި ފެނިގެން ދިމާކުރަމުން ގޮސް އެ ރަށުގެ ފަޅުގެއެއްގެ ތެރެއަށް ޝާކިރު ވަނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.