18 Sep 2025, 08:43
މި މަހުގެ ފުރަތަމަ ހަފުތާތެރޭ ސިނަމާތަކުގައި ރިލީޒްކޮށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފިލްމު "ދަ ބެންގޯލް ފައިލްސް" ބޮޑު އަގުގައި ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޖުމުލަ 50 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމު ޒީ5އަށް ވިއްކާލާފައިވަނީ ފިލްމުގެ ބަޖެޓަށްވުރެ ދެގުނަ ބޮޑު އަދަދަކަށް ކަމަށް އިންޑިއާޓުޑޭގައި ވަނީ ބުނެފައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ ފިލްމު ޒީ5އަށް ވިއްކާލާފައިވަނީ 70 ކްރޯޑު ރުޕީސް (79.70 މިލިއަން ޑޮލަރަ)ށް ވުރެ ވެސް ބޮޑު އަގުގައެވެ. ނަމަވެސް، ފިލްމު ވިއްކި ސީދާ އަގު ހާމަކޮށްފައެއް ނުވެއެވެ.
ޕޮލިޓިކަލް ތުރިލާއެއް ކަމަށްވާ "ދަ ބެންގޯލް ފައިލްސް"އަކީ އިނގިރޭސިން އިންޑިއާއިން ފައިބައިގެން ދިއުމާ އެކު އިންޑިއާގެ ކަލްކަތާގެ މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.

"ދަ ބެންގޯލް ފައިލްސް"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ
ފިލްމުގައި ގެނެސްދީފައިވާ ވަރަށް ގިނަ ހާދިސާތަކަކީ އޭގެ އަސްލު ގެއްލުވާލުމަށް ފަހު އަސްލުކަން ހިނގިގޮތާއި މުޅިން ޚިލާފަސް ގެނެސްދީފައިވާ ހާދިސާތަކެއް ކަމަށް ފިލްމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފައެވެ.
މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލާފައިވަނީ ފިލްމު ސިނަމާގައި ދައްކައިގެން ވެސް ކުރިމަތިވަމުންދިޔަ ނާކާމިޔާބީއާ އެކު ވަރަށް ބޮޑު ގެއްލުމެއް ޑައިރެކްޓަރު ވިވެކްގެ ޕްރޮޑަކްޝަން ޓީމަށް ލިބިދާނެކަމުގެ ބިރު ހީވެ، ކަންބޮޑުވުންތަކެއްގެ ތެރޭގައި ފިލްމު އޮއްވައެވެ.
ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވިވެކް ބުނެފައިވަނީ "ދަ ބެންގޯލް ފައިލްސް" އުފައްދާފައިވަނީ 2022 ވަނަ އަހަރު އޭނާ ގެނެސްދިން "ދަ ކަޝްމީރް ފައިލްސް"އިން ލިބުނު އާމްދަނީ ފިލްމަށް އިންވެސްޓްކޮށްގެން ކަމަށެވެ. ފިލްމުގެ ރައިޓްސް ޒީ5އަށް ވިއްކާލި ނަމަވެސް އެ ފިލްމު ޕްރީމިއާ ކުރާނެ ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.