އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު އިއުލާނުކޮށްފިއެވެ.

މި ބަޔޮޕިކް ފިލްމު އިއުލާނުކޮށް ފިލްމުގެ ޕޯސްޓަރެއް ދައްކާލާފައިވަނީ އިއްޔެ ފާހަގަކުރި މޯދީގެ 75ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.

"މާ ވަންދޭ"ގެ ނަމުގައި އުފައްދާ މި ފިލްމުގައި މޯދީގެ ރޯލް ކުޅެން ހަމަޖެހިފައިވަނީ އުމުރުން 37 އަހަރުގެ މަޅަޔާލަމް އެކްޓަރު އުއްނި މުކުންދަންއެވެ. އުއްނި މުކުންދަން ވަނީ ފިލްމުގައި މޯދީގެ ރޯލް ކުޅޭކަން ކަށަވަރުކޮށް ސޯޝަލް މީޑިއާގައި ވެސް އެކަން އިއުލާނުކޮށްފައެވެ.

ސިލްވަ ކާސްޓް ކްރިއޭޝަންސް ބެނާގެ ދަށުން އުފައްދާ މި ބަޔޮޕިކް ފިލްމަކީ ކްރާންތީ ކުމާރު ޗީ.އެޗް ލިޔެ ޑައިރެކްޓްކޮށް ވީރު ރެޑީ އެމް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ޕްރޮޑަކްޝަން ޓީމަކީ ސައުތު ސިނަމާގެ އެންމެ ވަރުގަދަ ފިލްމުތައް ކަމަށްވާ "ކޭޖީއެފް"، "ސަލާރު" އަދި "ބާހޫބަލީ"ގައި މަސައްކަތްކޮށްފައިވާ ކްރޫއިން ހިމެނޭ ޓީމެކެވެ.

މަޅަޔާލަމް އެކްޓަރު އުއްނި މުކުންދަން--ފޮޓޯ/އިންޑިއާފޯރަމްސް

ޕްރޮޑަކްޝަން ޓީމުގައި މުޅިން ވެސް އިންޑިއާގެ ދެކުނުގެ ފަންނާނުން ހިއްސާވާ "މާ ވަންދޭ"ގައި އިންޑިއާގައި ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރެއް ފުރުއްވަމުން އަންނަ މޯދީގެ އެންމެ ޅައިރުއްސުރެން ފެށިގެން އިންޑިއާގެ އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރަކަށް ވުމަށް ކުރި ދަތުރު ވަރަށް ރަނގަޅަށް ދައްކުވައިދޭނެއެވެ.

ހަމައެއާއެކު މިހާރު ދުނިޔެ ދޫކޮށްފައިވާ މަންމާފުޅު ހީރާބެން މޯދީ، މޯދީ ސިޔާސީ ލީޑަރަކަށް ހެއްދެވުމަށް ހަޔާތުގައި ކުޅުއްވި މުހިއްމު ދައުރު ވެސް ދައްކުވައިދޭނެއެވެ.

މިހާތަނަށް ވެސް މޯދީގެ ޒާތީ ދިރިއުޅުމާ ބެހޭ ގިނަ ވާހަކަތަކަކީ އާއްމުންނަށް އެހާ ބޮޑަށް ނޭނގޭ ވާހަކަތަކަކަށް ވުމުން މި ފިލްމަކީ މިހާތަނަށް ބޮޑުވަޒީރު މޯދީގެ ދިރިއުޅުމާ ބެހޭގޮތުން އާއްމު ރައްޔިތުންނަށް ނޭނގޭ ގިނަ ވާހަކަތަކެއް އެނގޭނެ ފިލްމެއް ކަމަށް ސިލްވަ ކާސްޓް ކްރިއޭޝަންސްއިން ވަނީ ބުނެފައެވެ.

މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2019 ވަނަ އަހަރު ވެސް ވަނީ ފިލްމެއް އުފައްދާފައެވެ. ބޮލީވުޑް އެކްޓަރު ވިވެކް އޮބްރޯއި މޯދީގެ ރޯލް ކުޅުނު ފިލްމު "ޕީއެމް ނަރެންދުރަ މޯދީ"އަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.