18 Sep 2025, 08:38
މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ހޯމްބައުންޑް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ކަރަންޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއަށް ނީރަޖް ގިވާން ޑައިރެކްޓްކޮށްދީފައިވާ "ހޯމްބައުންޑް"އަކީ މި އަހަރުގެ ކާންސް ފެސްޓިވަލުގައި ވެސް ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ ފިލްމެކެވެ. ހަމައެއާއެކު ދާދިފަހުން ޓޮރޮންޓޯގައި ބޭއްވި އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ވެސް ގިނަ ބައެއްގެ ލޯބި މި ފިލްމަށް ވަނީ ލިބިފައެވެ.
ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައިރު ޓްރެއިލާ ރިލީޒްވުމާ އެކު ފިލްމު ބަލާލުމުގެ ޝައުގުވެރިކަން މާބޮޑަށް ވެސް އިތުރުވެއްޖެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ފިލްމީ ތަރިންތަކެއް ވަނީ "ހޯމްބައުންޑް"ގެ ލީޑް އެކްޓަރުން ކަމަށްވާ އިޝާން ހައްތަރާއި ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރު ފިލްމުގައި ދައްކާފައިވާ އެކްޓިން ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ފިލްމުގައި ޖާންވީ ފެންނާނީ ވިޝާލް ޖެތުވާގެ ލޯބިވެރިޔާގެ ކެރެކްޓާއިންނެވެ.

ފިލްމު "ހޯމްބައުންޑް"ގެ މަންޒަރެއްގައި ޝާހިދު އަދި ވިޝާލް--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި ފިލްމަކީ ކަޝްމީރުގެ މަޝްހޫރު ލިޔުންތެރިއާ އަދި ނޫސްވެރިޔާ ބަޝާރަތު ޕީރު 2020 ވަނަ އަހަރު ނިއު ޔޯކް ޓައިމްސްގައި ލިޔުނު 'ފްރެންޑްޝިޕް، އަ ޕެންޑަމިކް އެންޑް އަ ޑެތު ބިސައިޑް ދަ ހައިވޭ' ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ކުޑައިރުއްސުރެ ޕޮލިސް އޮފިސަރުންނަށްވުމުގެ ހުވަފެން ދެކެމުން އައި ދެ ޒުވާނުންގެ ދިރިއުޅުމަށް އަންނަ ކުއްލި ބަދަލުތަކަކާ ގުޅިގެން ދެ މީހުންގެ ރަހްމަތްތެރިކަމަށް އެކަމުން ކުރާ އަސަރާ އެކު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ.
ދަރުމާ ޕްރޮޑަކްޝަންސްއާއި ސިކްޔާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާފައިވާ "ހޯމްބައުންޑް"ގެ ޓީމުގައި ހޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މާޓިން ސްކޯސެސް އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވަނީ މަސައްކަތްކޮށްފައެވެ.