12 Aug 2012, 22:07
ގިނަ އަދަދެއްގެ މީހުނާއި މުދާ ބަރުކޮށްގެން މާލެއިން ހދ. ނޭކުރަންދޫއަށް ދަތުރު ކުރި އެރަށު ބޯޓެއް ނ. ހޮޅުދޫ ކައިރީ ފަރަކަށް އަރައި ބޯޓުން މެދުން ބިންދައިގެން ހިނގައްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
މިރޭ 9:00 ޖަހާ އެހާކަން ހާއިރު ނޭކުރެންދޫ "ނަފާވާ" ބޯޓް އުރުނީ ހޮޅުދޫ ކައިރީ އޮންނަ ލޯފަރު ނަމަކަށް ކިޔާ ފަރަކަށެވެ.
ފުލުހުން ބުނީ ނަފާވާ ބޯޓް ފަރަށް އެރި އިރު ބޯޓްގައި 35 މީހުން ތިބި ކަމަށާއި އޭގެތެރޭގައި ދެ އަންހެނުނާއި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ ގިނަ އަދަދަކަށް މުދާ ބަރުކޮށްފައިވާ ބޯޓް ފަރަށް އެރުމާއެކު އޭގައި ތިބި މީހުން ހޮޅުދޫއަށް ގެންގޮސްފައިވާ ކަމަށެވެ. ހާދިސާގައި ބޯޓް މެދުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ބޯޓްގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިރޭ ވިދާޅުވީ މާލެ ދަތުރުކުރާ އެ ބޯޓް ފަރަށް އެރިކަމުގެ މައުލޫމާތް އެމްއެންޑީއެފްއަށް ލިބުމާއި ގުޅިގެން އެބޯޓް އޮތް ސަރަހައްދަށް ކޯސްޓްގާޑް ދަތުރު ފަށާފައިވާ ކަމަށެވެ.
ނ. ހޮޅުދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް ހުސެއިން މިރޭ ވިދާޅުވީ އުރުނު ބޯޓްގައި ތިބި މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެރަށު ގެސްޓް ހައުސްއެއްގައި ބައިތިއްބުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.