ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން ބައިވެރިވެވަޑައިގަންނަވާ ބައްދަލުކުރެއްވުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު އައްބާސް އާދިލް ރިޒާ ސަންއޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުން ބޭފުޅަކު ހިމަނުއްވައިގެން ރައްޔިތުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ބޭފުޅުންނާ އެކު ބައްވާ ބައްދަލުވުން އަންނަ އަންގާރަ ދުވަހު ހެނދު ރައީސް އޮފީހުގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

"މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގަތުމަށް ބާއްވާ އެ ބައްދަލުކުރެއްވުން އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖައްސާފައި. ބައްދަލުވުން އޮންނާނީ ރައީސް އޮފީހުގައި،" އައްބާސް ވިދާޅުވި އެވެ.

ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންގާރާ ދުވަހުގެ ހެނދު 11:00ގަ އެވެ.

އާސަންދަ އާއި އެހެނިހެން ހިދުމަތްތައް މެދުކަނޑާލުމަށް ފަހު ރައްޔިތުން މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން މަޖިލީސް ހުއްޓުވާލުމާ އެކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް ވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާ މުއްދަތެއް ނެތް ގޮތައް މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް ސަރުކާރުން ގޮވާލާފައިވާ އިރު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެމްޑީޕީން ހުއްޓުވާލައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިސް ނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ރައްޔިތުނަށްދޭ ހިދުމަތްތައް ހުއްޓާލުމަށް ފަހު ރައްޔިތުން މަޖިލީސް ހުޅުވުމުގެ ފުުރަސަތު ނުދޭނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ފެއްޓުމާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ އަބްދުﷲ ޔާމީނާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މަޝްވާރާކުރައްވައިފަ އެވެ.