12 Aug 2012, 20:52
އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވައިފައިވާ އަޚްލާޤީ ތަޢުލީމަކީ ރީތި ޚުލުޤުފުޅުތަކުގެ ތަޢުލީމެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ޠަބީޢަތެއް ކަމުގައި ހައްދަވައިފައި ވަނީ އެ ރީތި ޚުލުޤުފުޅުތަކެވެ. އެމާތް އަޚްލާޤެވެ. ކީރިތި ޤުރްއާނުގައި އެކަން ސިފަކުރައްވައިފައި ވަނީ އަންނަނިވި ފަދައިންނެވެ. "އަދި، ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." (އަލްޤަލަމް: 4)
އިސްވެދިޔަ އާޔަތުގެ މަޠުލަބަކީ އިސްލާމްދީނުގެ ނަބިއްޔާ ހަމައެކަނި މާތް ޚުލުޤުފުޅެއްގެ މަތީގައި ހުންނެވި ކަމެއް ނޫނެވެ. އަދިކީއްތޯއެވެ. އެކަލޭގެފާނަކީ ރީތި، މާތް ޚުލުޤުފުޅުގެ ނަމޫނާއެއް ކަމެވެ. އަޚްލާޤަކީ ހަމައެކަނި އާދައިގެ ރަނގަޅު ޚުލުޤުތަކަށް ކިޔާ ނަމެއް ކަމުގައި ބަލައިފިނަމަ މާތް އަޚްލާޤުގެ މާނައަކީ އިންސާނާ އެހެން މީހުންނަށްވުރެ ރީތި، އެހެން މީހުންނަށްވުރެ މާތް ޚުލުޤުތަކަކުން މުޢާމަލާކުރާ މީހަކަށް ވުމެވެ. އޭނާއަކީ ހަމައެކަނި ގޮނަކަށް ގޮނެއް ދޭ މީހަކު ކަމުގައި ނުވުމެވެ. އާދެ، ތިމާއަށް ހެޔޮކޮށް ހިތާ މީހުނަށް ހެޔޮކޮށް ހިތާ، ތިމާއަށް ނުބައިކޮށް ހިތާ މީހުނަށް ނުބައިކޮށް ހިތާ މީހަކަށް ނުވުމެވެ. އަދިކީއްތޯއެވެ. އޭނާއަކީ އެންމެންނަށްވެސް ހެޔޮކޮށް ހިތައި އެންމެންނާމެދުވެސް ރަނގަޅުގޮތުގައި މުޢާމަލާކުރާ މީހަކަށް ވުމެވެ. ތިމާއަށް ކިތަންމެ އިހާނެތިކޮށް ހިތާ މީހުނާމެދުވެސް ރީތި ޚުލުޤެއް ގެންގުޅޭ މީހަކަށް ވުމެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލުޤުފުޅު ވަނީ މި ދެންނެވި ރީތި، ފުރިހަމަ، މާތް ދަރަޖައިގައެވެ. އެކަލޭގެފާނު އިންސާނިއްޔަތަށް ދެއްކެވީ އެނަމޫނާއެވެ. ދެއްވީ އެ އިރްޝާދެވެ. ތިމާމެންގެ އަޚްލާޤު ޙަޤީޤީ މާނައިގައި ރީތި އަޚްލާޤަކަށް ހަދާނީ ކިހިނަކުން ކަމެވެ. ރީތި އަޚްލާޤުގެ އަހްލުވެރީންނަކީ އުސޫލުތަކެއްގައި ހިފަހައްޓާ ބައެކެވެ. ހަމަތަކެއްގައި ތިބޭ ބައެކެވެ. އެފަދަ މީހުންގެ ޝަޚްޞިއްޔަތަކީ މޫސުމީ އުފެއްދުމެއް ނޫނެވެ. ޙާލަތު ބަދަލުވަމުންދާ ގޮތަކަށް ބަދަލުވަމުންދާ އެއްޗެއް ނޫނެވެ. އަދިކީއްތޯއެވެ. ޚުދު ތިމާގެ އުސޫލާއި ތިމާ ހިފަހައްޓާ ހަމަތަކުގެ އުފެއްދުމެކެވެ. މިދެންނެވިފަދަ އަޚްލާޤަކީ އެމީހަކީ ތެދުވެރިޔެއްކަމުގެ ދަލީލެކެވެ. އޭނާ ހުރީ ފިޠުރަތުގެ މާތް ގޮތުގައި ކަމުގެ ހެއްކެކެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަރަށް ގިނަ ޙަދީޘުފުޅުތަކެއްގައި ވަނީ ރީތި އަޚްލާޤަށް އިރުޝާދު ދެއްވައިފައެވެ. "ޤިޔާމަތް ދުވަހު މުއުމިން އަޅާގެ ހެޔޮކަމުގެ ތިލަފަތުގައި ރީތި އަޚްލާޤަށްވުރެ ބުރަދަން ހުރި އެހެން އެކައްޗެއްވެސް ނުވާހުއްޓެވެ." (ތިރުމިޒީ) "މުއުމިނުން ކުރެ، އެމީހެއްގެ އީމާންކަން އެންމެ ފުރިހަމަ މީހަކީ، އެއުރެންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." (ތިރުމިޒީ)
މުއުމިނާ ވާން ޖެހޭނީ ރައްބާނީ އުސްމިންތަކެއްގައި ދިރިއުޅޭ މީހަކަށެވެ. ކޮންމެފަދަ ޙާލަތެއްގައިވެސް ކިތަންމެ "ގަދަ މޫސުމެއްގައި ވެސް" މަތިވެރި މާތް ޝަޚްޞިއްޔަތެއްގައި ދެމިހުންނަ މީހަކަށެވެ. އޭނާގެ ޚިޔާލުގެ މަތިވެރިކަމާއި، ފިކުރުގެ މާތްކަމަށް އެއްވެސް ޙާލެއްގައި ފަރަޤެއް ނާންނާނެއެވެ. ކިތަންމެ "ވައި ނުބަޔަސް" އޭނާ ރީތި މާތް ޚުލުޤުތަކުގެ ދަންމާނު އަތުން ވީއްލިގެން ދިޔަކަ ނުދޭނެއެވެ.