ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފާރާތްތައް ވަޒީފާއިން ވަކިކުރަމުން ގެންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔަ ގޮތް ބަލަން އުފައްދާފައިވާ އިންކްއަރީ ކޮމިޝަނުގެ މަސައްކަތް ނިމޭ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަސް ކަމަށް ކަނޑައަޅާފައި ވަނިކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި މަސައްކަތް ކުރާ އެކިފެންވަރުގެ ފަރާތްތައް ވަޒީފާއިން ވަކި ކުރަމުން ގެންދާ ކަމަށައި އެކަމާ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެ.

ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެ ދެ މުވައްސަސާގެ ސީނިއާ ރޭންކުތަކުގެ އޮފިސަރުންނަށް އެކި ގޮތްގޮތަށް ބިރުދައްކައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

"ހިނގައި މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުންގެ އިސް ދެ އޮފިސަރުން ކަމުގައިވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރައްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މަނިކު ވަނީ މިހާރު ހުރި ރޭންކުން އެހެން ރޭންކަކަށް ބަދަލު ކުރައްވާފަ އެވެ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. "ނިމިދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި ކެޕްޓަން ޑރ. ފާތުމަތު ތަހުސީނާ ވަނީ އެމަޤާމުން ވަކި ކުރައްވާފަ އެވެ. އަދި ސިފައިންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވި ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ވަނީ ފާއިތުވީ މަހުގެ 16 ވަނަ ދުވަހު ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފަ އެވެ. އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖާ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތުން އިސްތިޢުފާ ދެއްވާފަ އެވެ."

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވި ގޮތް އަދި އެކަމާމެދު ޢަމަލު ކުރާނޭ ގޮތް ކަނޑައެޅޭނީ ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީގެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ކަމުން އެ މަސައްކަތްތައް ނުނިމެނީސް ސަލާމަތީ ބާރުތަކުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ކުރިއެރުން ދީ، ބިރު ދައްކައި އަދި މިނޫންވެސް ވަޒީފާއާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރަން އިލްތިމާސް ކުރައްވާ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތްތައް ނިމެންދެން ސަލާމަތީ ބާރުތަކުގެ މަޤާމުތަކާއި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އިސްތިޢުފާ ނުދެއްވާ މަޑުކޮށްދެއްވުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދު އިޝާރާތް ކުރައްވާފައިވާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޢަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ރާއްޖޭގެ ދާހިލީ ހަމަޖެހުން ނަގާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބަލަމުން އަންނަ މައްސަލައަކާ ގުޅިގެނެވެ.

ހަމީދާއި އަދުނާނަކީ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ރައީސް މުހަންމަދު ނަޝީދު ސަރުކާރުގެ ދެ ވަޒީރަކު ޝާއިއު ކުރި ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރިކަމުގެ ތުހުމަތުގައި ސުވާލު ކުރެވުނު ދެ މީހުންނެވެ. އަދުނާން ހުންނެވީ ފުލުހުންގެ މެރިން ޕޮލިސްގެ ކުރީގެ ވެރިޔާއަށެވެ. ހަމީދު ހުންނެވީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާއަށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް މަނިކު މިހާރު (ލޭޑީ އިބްރާހިމް މަނިކު) ހުރި ރޭންކުން އެއް ރޭންކު ދަށްކޮށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކޮށް އޭނާއަށް ލިބިފައިވާ އަޚްލާޤީ ކުލަ އަތުލުމަށް ޕޮލިސް ޑިސިޕްލިނަރީ ބޯޑުން މިރޭ ނިންމި ސަބަބު ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ މެޑިކަލް ސާވިސަސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ ޕޯސްޓުގައި ހުންނެވި ކެޕްޓަން ޑރ. ފާތުމަތު ތަހުސީން އިބްރާހިމް އެ ޕޯސްޓުން ޑިމޯޓް ކުރީ ހިނގަމުންދާ ތަހުގީގަކާ ގުޅިގެނެވެ.