އިންޑިއާގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ހުއްދަނެތި އޭނާގެ ނަން ވިޔަފާރި އުސޫލުން ބަޔަކު މީހުން ބޭނުންކުރާތީ އެ މައްސަލަ ނިއު ދިއްލީ ހައިކޯޓަށް ކަރަންގެ ގާނޫނީ ޓީމުން ހުށަހަޅައިފިއެވެ.

ކަރަންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ރާޖޭޝްކަރު ރާއޯ ހުށަހެޅި މި މައްސަލައިގެ ތަފުސީލުގައި ބުނެފައި ވަނީ، ކަރަންގެ ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުކުރާ ފޮޓޯތައް ބޭނުންކޮށްގެން ވަރަށް ގިނަ ވެބް ސައިޓުތަކުގައި އެކި ކަހަލަ ކަންކަމަށް ފަންޑު ހޯދުމަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން އަންނަ ކަމަށެވެ.

ވެބްސައިޓު ތަކުގެ އިތުރުން ކަރަންގެ ނަމުގައި ސޯޝަލް މީޑިއާ ޕޭޖްތަކެއް ވެސް ބަޔަކު ހިންގަމުން އަންނައިރު އެ ޕޭޖުތަކުން ކަރަންގެ ނަމުގައި ވިޔަފާރިތައް ވެސް ހިންގަމުން އަންނަ ކަމަށް މި މައްސަލައިގެ ތަފުސީލުގައި ވަނީ ބުނެފައެވެ.

ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ އަދި އަބިޝޭކް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އެހެންކަމުން ކަރަންގެ ހުއްދަނެތި ހިންގަމުން އަންނަ އެފަދަ ވިޔަފާރިތައް ހުއްޓުވައިދީ ކަރަންގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކޮށްދިނުމަށް މި ހައިކޯޓުގައި ވަނީ އެދިފައެވެ.

ރީތި ލޯބީގެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު މިފަދަ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާއިރު ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ އާއި އަބިޝޭކް ވެސް ވަނީ އެ ތަރިންގެ ޕާސަނިލިޓީ ރައިޓްސް ހިމާޔަތްކޮށް ދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

މި މައްސަލައަށް ގޮތެއް ނިންމުން މި އަހަރުގެ ނޮވެމްބަރު މަހަށް ތާވަލު ކުރެވިފައިވީ ނަމަވެސް ހައިކޯޓުގެ އިސް ފަނޑިޔާރު ވަނީ އައިޝްވާރިޔާ އާއި އަބިޝެކްގެ އަބުރާއި ޝަހުސިއްޔަތު ރައްކާތެރިކޮށްދިނުމުގެ އަމުރު ނެރެދީފައެވެ.

ކަރަން ހުށަހަޅާފައިވާ މައްސަލަ އޭނާއަށް އެއްކޮޅަށް ނިމިއްޖެނަމަ އެފަދަ ވެބްސައިޓުތަކުގެ ޝިކާރައަކަށްވެފައިވާ ވަރަށް ގިނަ ފިލްމީ ތަރިންނަށް އެފަދަ މައްސަލަ ހުށަހެޅުމުގެ ހިތްވަރު ލިބި ތަރިންގެ މެދުގައި ލީގަލް ޓްރެންޑެއް އިޔާދަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.