17 Sep 2025, 09:04
ބޮލީވުޑްގެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާއަށް ކަލަސްއިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވުމުގެ ފުރުސަތު އެކި ފަހަރު މަތިން ލިބުނު ކަމަށް ބުނެފިއެވެ.
އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ހުށަހެޅުންތަކަށް އިންކާރުކުރާ ކަމަށާއި އޭގެ ސަބަބު ވަރަށް ސާފު ކަމަށް ތަނުޝްރި ވަނީ ބުނެފައެވެ.
ފާއިތުވި 11 އަހަރު ވަންދެން ކޮންމެ އަހަރަކު ވެސް ތަކުރާރުކޮށް "ބިގް ބޮސް"ގައި ބައިވެރިވުމަށް ހުށަހެޅުން ލިބޭއިރު އޭނާ އަކީ އަމިއްލަ ޕްރައިވެސީ ވަރަށް ބޮޑަށް ބޭނުންވާ މީހެއް ކަމުން އެފަދަ ގެއެއްގައި އެހާ ގިނަ ދުވަހު ނޫޅެވޭނެ ކަމަށް ތަނުޝްރީ ވަނީ ބުނެފައެވެ.

ތަނުޝްރީ ކޮއްކޮ އަދި ބަތަލާ އިޝިތާ ދައްތާއާ އެކު--ފޮޓޯ/މިޑްޑޭ
ތަނުޝްރީ އަކީ އަމިއްލަ އާއިލާއާ ވެސް ވަކިން ދިރިއުޅޭ މީހެއް ކަމަށާއި އެހާ ގިނަ ބައިވެރިންނާ އެކު އެއްގެއެއްގައި އުޅެ ބައެއްފަހަރު ނުވެސް ދަންނަ ފިރިހެނުންނާ އެކު އެއް އެނދެއްގައި ނިދުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
ކިތަންމެ ބޮޑު އަގެއް އެ ޗެނަލްއިން ހުށަހެޅި ނަމަވެސް އޭނާ އަކީ ފައިސާއަށް އަމިއްލަ ޟަމީރު ވިއްކާލާހާ ދަށްފެންވަރެއްގެ މީހެއް ނޫން ކަމަށް ތަނުޝްރީ ވަނީ ބުނެފައެވެ.
ތަނުޝްރީ ބުނެފައިވާ ގޮތުން ކަލަސްއިން ބަތަލާއަށް ވަނީ 1.65 ކްރޯޑު ރުޕީސް (އެއްލައްކަ ނުވަދިހަ އަށްހާސް އެމެރިކާ ޑޮލަރު)އާ ކައިރި ކުރާ އަދަދަކަށް ފައިސާ ހުށަހަޅާފައެވެ.
ތަނުޝްރީއާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުން ޝޯގައި ބައިވެރި ނުވުމަށް ބަތަލާ ނިންމުމުން އެ ޗެނަލުން ވަނީ އެއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އޭނާއަށް ދިނުމަށް ވެސް ނިންމާފައެވެ. އެހެންނަމަވެސް އެކަން މިހާތަނަށް ކާމިޔާބުވާ ގޮތެއް ވަނީ ނުވެފައެވެ.
ފިލްމު "އާޝިގް ބަނާޔާ އާޕްނޭ"އިން ބޮލީވުޑަށް ތައާރަފްވި ފިލްމު އިންޑަސްޓްރީއިން ގެއްލުނީ މާ ރަނގަޅު ފުރުސަތުތަކެއް އެ ދާއިރާއިން ނުލިބުމާ ގުޅިގެންނެވެ. މިސް އިންޑިއާގެ މަގާމު 2004 ވަނަ އަހަރު ހޯދި ބަތަލާ އެންމެފަހުން ފިލްމަކުން ފެނިފައި ވަނީ 2013 ވަނަ އަހަރުއެވެ.