12 Aug 2012, 20:28
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ދ. މާއެނބޫދޫއަށް ވަޑައިގަތުމުން އެރަށު ދެ މީހަކު މިނިސްޓަރަށް ބިރު ދައްކާ އިންޒާރުދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި މިނިސްޓަރު ޖަމީލު މާއެނބޫދޫއަށް ވަޑައިގަތުމުން އެ މަނިކުފާނަށް އިންޒާރު ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާއެނބޫދޫ، ބަނަފްސާގޭ، އަބްދުﷲ ރަޝީދު 32، އާއި ޝީރީންވިލާ، މުހައްމަދު ނަޒްލީ 30، ކަމަށެވެ. އަދި އެ ދެ މީހުން މިހާރު މާލެ ގެނެސްފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ބުނާ ގޮތުން އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ހަ މަސް ދުވަހާއި 18 މަސް ދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.