16 Sep 2025, 19:56
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ބިލު ދިރާސާ ކުރި ކޮމިޓީގައި ނޫސްވެރިންނާއި އިދިކޮޅު މެންބަރުންނާއި އާންމުން ކުރި އިހުތިޖާޖާ ގުޅޭ މައްސަލަ ބަލަމުން އަންނަ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ މަހު ހުށަހެޅުއްވި ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ.
އެ ބިލު ފާސްކޮށްފި ނަމަ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭނެ ކަމަށް ބުނެ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އައީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ކުރިއަށް ދަނިކޮށް، ދައުރުން ބޭރުން ކުރިއަށްގެންދިޔަ ޖަލްސާގައި، ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ވަނީ ބިލް ފާސްކޮށްފައެވެ.
އެ ބިލަށް ވޯޓަށް އެހީ، ބިލާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން އަޑުގަދަކުރުމުން، އޭގެ ތެރެއިން ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށްފަހުގައެވެ.
ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ. އެއީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: މީޑިއާ ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖުކުރި -- ފޮޓޯ/ މަޖިލިސް
އެ ވޯޓަށް ފަހު ޖަލްސާގައި ރިޔާސަތުގައި އިންނެވި ނާޒިމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށްދިޔައިރު ކޮމިޓީ އަޑުއެހުމުގެ ފުރުސަތު ލިބުނު މީހުން މަޖިލީހުގެ ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް އިޖުތިމާއީ އަޚުލާގީ މިންގަނޑުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތައްޔާރުކުރެއްވި ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ރިޕޯޓު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ގަސްތުކުރާ ކަމަށެވެ.
"އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށާއި މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލުތައް ކަނޑައަޅައި އެކަންކަމަށް ހާޒިރުވާ ފަރާތްތަކުން ޚިލާފު ވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރުމަށް ދެވޭ އިރުޝާދެއް،" އޭނާ ވިދާޅުވިއެވެ.
އެ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދައުރުން ބޭރުން ބޭއްވި ބައްދަލުވުންތަކަކަށް ފަހުގައެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި، މެހެމާނުންގެ ގޮތުގައި ވަތް ނޫސްވެރިން ކޮމިޓީން ބޭރުކުރިއެވެ. އިއްޔެ ކޮމިޓީ ބައްދަލުވުން ބޭއްވިއިރު، ގިނަ އަދަދެއްގެ ނޫސްވެރިންނާއި، ކޮމިޓީގައި ނުހިމެނޭ މަޖިލިސް މެންބަރުންނާއި އާންމުން ވެސް ވަދެފައި ތިއްބެވެ.
އެ ބިލަށް ވޯޓަށް އެހި ގަޑީގައި އަޑުގަދަ ކުރުމުން، ކޮމިޓީން މެދުކަނޑާލަން ވެސް ޖެހުނެވެ. އެއަށްފަހު އިތުރު ކޮމިޓީ ބައްދަލުވުމެއް ބާއްވައި، 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން ވޯޓަށް އެހިއެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ ބިލަށް ގެނައި އިސްލާހުތަކާއެކު، ޕެޓިޝަންގައި އޮތް ކަންބޮޑުވުންތަކަށް ރިއާޔަތްކުރެވިފައިވާ ކަމަށް ނިންމުމަށެވެ. އޭނާގެ ހުށަހެޅުއްވުން ކޮމިޓީން ފާސްވެސް ކުރިއެވެ.
މީގެ އިތުރުން އިއްޔެ ކޮމިޓީގައި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފާއި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހަމަ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސާމިރާ ދެމެދު މައްސަލަ ޖެހުނެވެ. އެގޮތުން މައުރޫފް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ނަމަވެސް، ވާހަކަދައްކަވަން މަސައްކަތް ކުރެއްވުމުން އިމްރާން ހުރަސްއެޅުއްވިއެވެ. އަދި މައުރޫފަށް ފުރުސަތު ދިނުމަށް، ސާމިރު ވެސް މައިކުގައި ހިފެހެއްޓެވިއެވެ.
ދެ ބޭފުޅުން މައިކް ދެކޮޅަށް ދަންމަވައި، އެންމެ ފަހުން މައިކް އުފުރާލީއެވެ.
އެ މައްސަލައިގައި އިމްރާންވަނީ އެކަމުގެ ތިން ބޭފުޅުންގެ ޒިންމާ އޮތް ކަމަށް ވިދާޅުވެ ލިބުނު ގެއްލުމުގެ ޚަރަދު ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާގައި ނާޒިމް މިއަދު ވަނީ، އެ މައްސަލަ މެންބަރުންގެ މައްސަލަތައް ބަލާ ސުލޫކީ ކޮމިޓީއަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.
މީޑިއާ ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.