12 Aug 2012, 16:48
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހަންމަދު މުނައްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އެމްޑީޕީ އިން ވަކިވެވަޑައިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދެވި އާ ސިޔާސީ ޕާޓީގެ ގައުމީ ސެކްރެޓަރީ ޑރ. މުނައްވަރު ރައީސް ނަޝީދާ އިއްޔެ ބައްދަލުކުރެއްވީ ސިޔާސީ މަޝްވާރާއެއް ކޮށްލެއްވުމަށް ކަމަށް ޑރ. މުނައްވަރު މިއަދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުންގެ ގެ. މ. ޔާގޫތުގޭގައި ނަޝީދާ އިއްޔެ ކުރެއްވި ބައްދަލުވުމާ ގުޅޭ ގޮތުން ޑރ. މުނައްވަރު މިއަދު ވިދާޅުވީ ބައްދަލު ކުރެއްވުމުގައި ދެކެވުނީ ރާއްޖޭގެ މިހާރު ސިޔާސީ މަސްރަހާ ބެހޭ ވާހަކަތައް ކަމަށެވެ.
"އަޅުގަނޑުމެން ހަމަ ސިޔާސީ ވާހަކަތައް ދައްކާލީ. މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދެއްކެވުނު. އެއީ އަޅުގަނޑުމެން ދެ މީހުންނަކީ ހަމަ ދެ ރައްޓެހިން ކުރިންސުރެ ވެސް،" ސަން އިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އެއީ ވެރިކަން ބަދަލުވުމަށް ފަހު ނަޝީދާ ބައްދަލުކުރެއްވި ދެ ވަނަ ފަހަރު ކަމަށާއި ނަޝީދާ މެދު އެއްވެސް އިރެއްގައި "ޒާތީ ރުޅިވެރިކަމެއް" ނޯންނަ ކަމަށެވެ.
"ދެން މިހާރު ނަޝީދު ބޭނުންފުޅުވާ ގޮތާއި ސިޔާސީ ހަލަބޮލިކަމުގައި ނަޝީދު ހައްދަވާ އެއްޗެއް ވެސް ބަލާލަން އަޅުގަނޑު ބޭނުންވީ އަނެއްކާ ވެސް. އެކަހަލަ ގޮތަކަށް ދެން ވާހަކަތައް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.
ޑރ. މުނައްވަރު ވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ބައްދަލުކުރައްވައި ބަލިވެވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޕާޓީ ބަދަލުކުރައްވައި އެހެން އެމްއާރުއެމް އުފައްދަވައި ނަޝީދަށް ވަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްއާރުއެމް އުފެއްދުމަށް 2011 ވަނަ އަހަރު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ނަޝީދުގެ ސަރުކާރު 2013 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމަން ޖެހޭ ކަމަށެވެ.
މުނައްވަރު އިސްކޮށް ހަރަކާތްތެރިވާ އެމްއާރުއެމް އަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއެކެވެ. އަދި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ވެސް އަދާކުރައްވަމުންނެވެ.