އެޕަލްގެ އެންމެފަހުގެ ވޮޗްއޯއެސް 26، ލިކްއިޑް ގްލާސް ޑިޒައިނާއެކު އެޕަލްގެ ބައެއް މޮޑެލްތަކަށް ދޫކޮށްފިއެވެ.

އެޕަލްއިން ރޭ އާންމުކުރި މި އަޕްޑޭޓްގައި އާ ސިއްހީ ފީޗާތަކާއި، ލިކުއިޑް ގްލާސް ޑިޒައިނާއި، އެޕަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ވޯކްއައުޓް ކޯޗިން ފީޗާއެއް ހިމެނެއެވެ. އެ ފީޗާއިން އެ މީހެއްގެ ކަސްރަތާއި ތަމްރީނާ ގުޅޭ ލަފާތައް ދޭނެއެވެ.

މި އަޕްޑޭޓް އެޕަލްއިން ފުރަތަމަ ފަހަރަށް ތައާރަފުކުރީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2025) ގައެވެ. މީގެ އިތުރުން އެޕަލްއިން ވަނީ އައިއޯއެސް 26 އަދި މެކްއޯއެސް 26 ސޮފްޓްވެއާ އަޕްޑޭޓްތައް އައިފޯނާއި މެކް ކޮމްޕިއުޓަރުތަކަށް ވެސް ނެރެފައެވެ.

އެޕަލްގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ވޮޗްއޯއެސް 26 މިހާރު ދަނީ އެޕަލް ވޮޗްގެ ހޮވައިލެވިފައިވާ ބައެއް މޮޑެލްތަކަށް ދޫ ކުރަމުންނެވެ. މި އާ ސޮފްޓްވެއާ އަޕްޑޭޓްގައި އެޕަލްގެ އާ ލިކުއިޑް ގްލާސް ޑިޒައިން ހިމެނޭއިރު، މިއީ ގިނަ ޔޫޒާ އިންޓަރފޭސް (ޔޫއައި) އެލިމެންޓްތަކެއް އާކޮށްލާނެ ޑިޒައިނެކެވެ.

މީގެ އިތުރުން، ސްލީޕް އެޕްގައި އާ "ސްލީޕް ސްކޯ" ފީޗާއެއް ތައާރަފުކޮށްފައިވެއެވެ. މި ފީޗާއިން ނިދީގެމިންވަރު ރަނގަޅުތޯ ބަލައި، އެނދުގައި އޮތް ވަގުތާއި، ނިދިން ހޭލެވުނު އަދަދު ފަދަ މައުލޫމާތުތައް ރެކޯޑްކުރާނެއެވެ.

ވޮޗްއޯއެސް 26 އަޕްޑޭޓްގައި ލިކުއިޑް ގްލާސް ޑިޒައިންއާއި، ސްމާޓް ސްޓެކް ވިޖެޓްސްއާއި، ނޮޓިފިކޭޝަންސްއާއި، ކޮންޓްރޯލް ސެންޓާ، އަދި އެޕްތަކުގެ ކޮންޓްރޯލްތަކާއި ނެވިގޭޝަނާ ގުޅިފައިވެއެވެ.

މީގެ އިތުރުން، މި ސޮފްޓްވެއާ ވާޝަންގައި "ސްމާޓް ސްޓެކް ހިންޓްސް" ވެސް ހިމެނެއެވެ. މި ފީޗާއިން ޔޫޒަރުންނަށް "އެންމެ އަވަހަށް ބޭނުންވާނެ" ކަންކަމާ ބެހޭ ގޮތުން ހުށަހެޅުންތައް ދޭނެއެވެ. އަދި، މިހާރު ޔޫޒަރުންނަށް ފަސޭހަކަމާއެކު ގެނެވޭ ކުޑަކުޑަ އިނގިލީގެ ހަރަކާތަކުން ނޮޓިފިކޭޝަންސް ޑިސްމިސް ކުރެވޭނެއެވެ. މީގެ އިތުރުން، މެސެޖްތަކުގެ ކޮންޓެކްސްޓަށް ބަލައި "ސަޖެސްޓެޑް ސްމާޓް އެކްޝަންސް" ވެސް ސްމާޓްވޮޗުން ދޭނެއެވެ.

ގިނަ ބަޔަކު ބުނާގޮތުގައި މި އަޕްޑޭޓްގެ އެންމެ މުހިންމު ފީޗާއަކީ އޭއައި-ޕަވާޑް ވޯކްއައުޓް ބަޑީ ފީޗާއެވެ. މި އާ ފީޗާއިން ޔޫޒަރުގެ ވޯކްއައުޓް ޑޭޓާ ބަލައި، ވޯކްއައުޓް ސެޝަންތަކުގައި ޕާސަނަލައިޒްޑް، މޯޓިވޭޝަނަލް ހިތްވަރު ދޭނެއެވެ.

ވޯކްއައުޓް ކުރިއަށް ދާއިރު އާ ލަނޑުދަޑިއެއް ހާސިލްކޮށްފިނަމަ ސްމާޓްވޮޗުން ޓެކްސްޓް މެސެޖެއް މެދުވެރިކޮށް އެކަން އަންގާނެއެވެ. އަދި، ވޯކްއައުޓް ބަޑީއިން ކަސްރަތުގެ ތަފާސްހިސާބުތައް ހިމެނޭ ރިކެޕެއް ދީ، ކާމިޔާބީތަކަށް މަރުހަބާ ކިޔާނެއެވެ.

މި އަޕްޑޭޓާއެކު ގިނަބަޔަކު ސޯޝަލް މީޑިއާގައި ދަނީ އުފާފާޅުކޮށް ޝުޢޫރުތައް ހިއްސާކުރަމުންނެވެ.