29 Aug 2010, 10:12
15:13
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރު ހިންގުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފައިވާ އެ ބިލް މިއަދުގެ ވަގުތެއްގައި ރައީސް އޮފީހަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މިހަފްތާގެ ތެރޭގައި އެބިލް ތަސްދީގު ކުރައްވާނެ ކަމަށެވެ.
މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމާބެހޭ ބިލް ފުރަތަމަ ފަހަރަށް މަޖިލީހުން ފާސްކުރުމުން ރައީސް ނަޝީދު އޭރު ވިދާޅުވެފައިވަނީ އެބިލް ދެން ވެސް މަޖިލީހުން ފާސްކޮށްގެން ގެނެސްފިނަމަ އެކަމާމެދު ގޮތެއް ނިންމަވާނީ ކޯޓުން ކަމަށެވެ. ނަމަވެސް ޒުހެއިރު ވިދާޅުވީ އެބިލް ގެޒެޓް ސާއިއުނުކުރުމުގެ ވިސްނުންފުޅެއް ރައީސް ނަޝީދު ނުގެންގުޅުއްވާ ކަމަށެވެ.
ޒުހެއިރު އަދި ވިދާޅުވީ ސަރުކާރުން ދެން އެބިލާމެދު ސަރުކާރުން އަމަލް ކުރައްވާނީ ބަންޑާރަ ނައިބް ދެއްވާ ލަފާފުޅެއްގެ މަތިން ކަމަށެވެ.