ފުލުހުން ބޮންޑޭ އަށް އަނިޔާކުރި ކަމަށް ވިދާޅުވެ އެ މައްސަލަ ތަހުގީގު ކުރެވޭނެ ގޮތެއް ހޯދައި ދިނުމަށް އޭނާ ޕީޖީ އަށް ހުށަހަޅުއްވައިފި

ފުލުހުން އަނިޔާކޮށްގެން "މަރާލަން އުޅޭ ކަމަށް" ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އޭނާގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް(ޕީޖީ) އަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު، ބޮންޑޭ މިއަދު ޕީޖީއަށް ފޮނުއްވާފައިވާ ސިޓީގައި ރައީސް ޑރ. މުހަަންމަދު ވަހީދު ހަސަން މަނިކާއި ޕޮލިސް ކޮމިޝަނަރު ރާއްވަވައިގެން އޭނާ "މަރާލަން" އުޅުނު ކަމަށް ވިދާޅުވެ އެ މައްސަަލަތައް ތަހްގީގު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވަނީ ޕީޖީ އަރިހު އެދިވަޑައިގަންފަ އެވެ.

އެ ސިޓީގައި ބޮންޑޭ ވިދާޅުވެފައި ވަނީ އޭނާ އަށް އެކި ފަހަރުގެ މަތިން ފުލުހުން ވަނީ އަނިޔާ ދީފައިވާ ކަމަށާއި އެއީ އޭނާ "ގަސްތުގައި މަރާލަން" ދީފައިވާ އަނިޔާތަކެއް ކަމަށެވެ.

"އަޅުގަނޑަށް ފުލުހުން ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އަދި އަޅުގަނޑަށް ފުލުހުން ދެމުންދާ އަނިޔާތަކަކީ ގަސްތުގައި އަޅުގަނޑު މަރާލުމަށް ދެވޭ ހަމަލާތަކެއްކަމުގައި ދެކެމެވެ." ބޮންޑޭ ފޮނުއްވި ސިޓީގައިވެ އެވެ.

ބޮންޑޭގެ ސިޓީގައި ވިދާޅުވެފައި ވަނީ ޖުލައި 30 ވަނަ ދުވަހު ވެސް ފުލުހުންގެ ބޮޑު ޓީމަކުން އޭނާގެ މައި ބަދައަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވެފައި ވަނީ ފުލުހުން އޭނާ ހިފައި ހައްޔަރު ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އޭނާ އަށް ލިބިދޭ އިމްތިޔާޒުތަކަށް ވެސް ބެލުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި ކަމަށެވެ.

ބޮންޑޭ ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ބޮންޑޭގެ ގައިގައި ދަތް އެޅި ކަމަށް ދައްކަވާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހްގީގުކޮށް ދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމަކީ ވެސް ޕޮލިސް ސާވީސް އިން އެކަމަށް މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.