ޗާލީ ކާކްގެ ގާތިލު ކަމަށް ބުނެ ހައްޔަރު ކުރި ޓައިލާ ރޮބިންސަންގެ ޑީއެންއޭ ކުށުގެ ވެށިން ފެނިފައިވާ ކަމަށް, ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވެއްޖެއެވެ.

ޑީއެންއޭގެ އިތުރުން އިތުރު ހެކިތައްވެސް ލިބިފައިވާ ކަމަށް އެފްބީއައި އިން ބުނެއެވެ.

ޕަޓޭލް ވިދާޅުވީ ރޮބިންސަންގެ ޑީއެންއޭ ފެނުނީ ޔޫޓާ ޔުނިވާސިޓީ ކެމްޕަހުގެ ފުރާޅަކުން ފެނުނު އިސްކޫރު އަނބުރާ ކަށިގަނޑެއްގެ އިތުރުން ކާކް މަރާލި ތަން ކައިރީގައި ހުރި ގަސްތަކެއް ތެރެއިން އިންވެސްޓިގޭޓަރުންނަށް ފެނުނު ބަޑީގައި އޮޅާލާފައިވާ ތުވާޔަކުންނެވެ.

ހަމަލާ ދިން ބަޑި އަދިވެސް އޮތީ މެރީލޭންޑްގައި ކަމަށާއި ބިއުރޯ އޮފް އަލްކޮހޯލް، ޓޮބަކޯ، ފަޔާއާމްސް، އެންޑް އެކްސްޕްލޮސިވްސް އިން ތަހުލީލު ކުރަމުންދާ ކަމަށް ޕަޓޭލް ވިދާޅުވިއެވެ.

ޗާލީ މަރާލުމުގެ ކުރިން ރޮބިންސަން ވަނީ ނޯޓެއްވެސް ލިޔެފައި ކަމަށާއި އޭގައި ވަނީ ޗާލީ ގެންދަން ޗާންސެއް ލިބިއްޖެނަމަ، އޭނާ އެކަން ކުރާނެ ކަން ކަމަށް ޕަޓޭލް ވިދާޅުވިއެވެ.

އެފްބީއައިއިން މިދިޔަ ހަފްތާ ބަންދުގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި ރޮބިންސަން ދިރިއުޅެމުން ދިޔައީ އޭނާގެ ޕާޓްނަރަކާ އެކު ކަމަށާއި އެއީ ފިރިހެނެއް ކަމަށްވެސް ބުނެފައެވެ.

ޗާލީގެ ގާތިލު ކަމަށް ބުނާ ޓައިލީ ރޮބިންސަންގެ ފޮޓޯއެއް. ފޮޓޯ/އެފްބީއައި

އެފްބީއައި އިން ރޫމްމޭޓްގެ ނަން ހާމަކޮށްފައި ނުވާއިރު، އާންމު ރެކޯޑްތަކުން ދައްކާ ގޮތުގައި އެއީ އުމުރުން 22 އަހަރުގެ ލާންސް ޓްވިގްސް އެވެ. ޓްވިގްސްގެ އާއިލާގެ މީހަކު ވަނީ އެ ދެމީހުން އެކުގައި ދިރިއުޅެމުން އަންނަ ކަމަށް ނިއުޔޯކް ޕޯސްޓަށް ކަށަވަރުކޮށްދީފައެވެ.

ކާކް މަރާލި ކަމަށް ރޮބިންސަން މިހާތަނަށް އިއުތިރާފު ނުވާ ކަމަށާއި ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ޔޫޓާގެ ގަވަރުނަރު ސްޕެންސާ ކޮކްސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ކާކް މަރާލީ ޔޫޓާ ވެލީ ޔުނިވަސިޓީގައި އޭނާ އުފެއްދި ޖަމިއްޔާއެއް ކަމަށްވާ ޓާނިން ޕޮއިންޓް ޔޫއެސްއޭ އިން ބޭއްވި އައުޓްޑޯ އިވެންޓެއްގައި ވާހަކަ ދައްކަން އިންދަ އެވެ. އޭނާ މަރުވީ ރޮބިންސަން އިމާރާތެއްގެ މަތީގައި އޮވެ ފޮނުވާލި ހަމަލާ ކާކްގެ ކަނދުރާއަށް އަމާޒުވެގެންނެވެ.

އެ މައްސަލައިގައި ރޮބިންސަން ހައްޔަރުކުރީ އޭނާގެ ބައްޕަ ފުލުހުންނަށް އެކަން ރިޕޯޓްކުރުމުން ކަމަށްވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން އާންމުކުރި ފޮޓޯތަކާ އެކު ރޮބިންސަންގެ ބައްޕައަށް ވަނީ އޭނާގެ ދަރިފުޅުކަން އެނގިފައެވެ. އަދި އެކަމާ ބެހޭ ގޮތުން ބައްޕަ ސުވާލުކުރުން، އެކަން ކުރި ކަމަށް އެއްބަސްވީ ކަމަށް ވެސް ބުނެފައިވެއެވެ.