12 Aug 2012, 16:02
ލަންޑަނުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ގައުމީ ދިދަ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދަށް ދީފި އެވެ.
އޮލިމްޕިކް ކޮމިިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގެ ބުނީ އަޒްނީމަށް ދިދަ ދޭން ނިންމީ މުބާރާތުގައި އޭނާ ހޯދި ކާމިޔާބީގެ ސަބަބުން ކަމަށެވެ.
އަޒްނީމް ވަނީ އޮލިމްޕިކްސްގައި 100 މީޓަރުގެ ގައުމީ ރެކޯޑް އާކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަށްވެފަ އެވެ. އަދި އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުން ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓަކީ ވެސް އޭނާ އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ބައިވެރިވީ ތިން ކުޅިވަރެއްގައި ފަސް އެތްލީޓެކެވެ. އެވެ. އެއީ ބެޑްމިންޓަނުން އަޖުފާން ރަޝީދު އާއި ސްވިމިން އަދި އެތްލެޓިކްސްކުރެ ކޮންމެ ކުޅިވަރަކުން ދެ ބައިވެރިންނެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ އަޖުފާނެވެ. އޭނާ އަކީ މިހާތަނަށް އޮލިމްޕިކްސް އަށް ކޮލިފައިވި ހަމައެކަނި އެތްލީޓެވެ.