16 Sep 2025, 08:36
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބާއްވާ ދައުރުން ބޭރު ޚާއްސަ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފައި އޮތްއިރު ޖަލްސާ އޮންނާނެ ގަޑިއާއި އެޖެންޑާ ވެސް އާންމުނުކުރާއިރު މެންބަރުންނާ ވެސް އެ ހިއްސާނުކުރާކަން އެނގިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ މިއަދު ދައުރުން ބޭރު ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާނުކޮށްފައެވެ.
އެކަމަކު، ޖަލްސާގެ އެޖެންޑާއެއް ވެސް އަދި އޮންނާނެ ގަޑިއެއް ވެސް، އެއްވެސް މައުލޫމާތެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އާންމު އުސޫލުން ކޮންމެ ރެއަކު ވެސް އަނެއް ދުވަހު އޮންނަ ޖަލްސާގެ އެޖެންޑާ އާންމުކުރެއެވެ. އެހެންވިޔަސް މިއަދު ހެނދުނާ ހަމައަށް ވެސް ޖަލްސާގެ އެޖެންޑާ އާންމެއް ނުކުރެއެވެ.
ރެއިން ފެށިގެން ނޫސްވެރިން އަންނަނީ މިއަދުގެ ޖަލްސާގެ އެޖެންޑާއާއި އޮންނާނެ ގަޑިއެއް އަހަމުންނެވެ. އެކަމަކު، އެންމެ ސުވާލަކަށް ވެސް މަޖިލީހުގެ އިދާރާއިން ޖަވާބެއް ނުދެއެވެ.
"ޖަލްސާގެ އެޖެންޑާ ފައިނަލްވީމާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގަޑިއާއި އެޖެންޑާ ނޭނގުނު ނަމަވެސް މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ ބައެއް މެންބަރުން ވަނީ އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ކޮންޓްރޯލް ބިލު' ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުން ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތްކުރަމުން އަންނާތީ އެއީ ވަރަށް ބޮޑަށް ބެލެވޭ ކަމަކެވެ.
އެ ބިލު އިއްޔެ ކޮމިޓީން ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލުވީ އެންމެ އަވަހަކަށް ފާސްކުރުން ކަމަށެވެ. އެހެންވެ، މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސްކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލު ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު 11:00 އަށް ވަނީ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާކޮށްފައެވެ. އެ ބައްދަލުވުމުގައި އޮތީ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިން ޖަވާބާ މެދު ގޮތެއް ނިންމުމެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބިލު ފާސްކުރީ ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް އިސްލާހާ އެކު ފަރުވާއެއް ލިބިއްޖެ ކަމަށް ބުނެފައެވެ. އެހެންވެ، ޕެޓިޝަނަށް ވެސް ދޭނީ އެ ޖަވާބު ކަމަށް ބެލެވެއެވެ.
މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، ބިލު ފާސްކުރަން ބޭނުންވަނީ ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުކަމުން އެ ޕާޓީއަށް ފަސޭހައިން ބިލު ފާސްކުރެވޭނެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލު ފާސްކުރީ، ބިލު ބޭރުކުރަން ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.
އެކަމަކު، ސަރުކާރުގެ ފަރާތުން އަންނަނީ ބިލު ދިފާއުކުރަމުންނެވެ.
ބިލާ ގުޅޭ ކަންބޮޑުވުންތައް ފާހަގަކުރަން ނޫސްވެރިން ވަނީ މިއަދު ވެސް އިހުތިޖާޖުކުރަން ނިންމާފައެވެ. ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލު ބޭރުކުރަން ގޮވާލައި ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. ބިލަށް ޚިޔާލު ދިން ހުރިހާ މީޑިއާއަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.