16 Sep 2025, 07:49
އިންޑިއާއަށް 2017 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ކާމިޔާބުކޮށްދިނުމަށްފަހު ފަހުން ބޮލީވުޑަށް ތައާރަފްވެފައިވާ މަނޫޝީ ޗިލާ އިންޑިއާގެ މުމްބާއީގައި ވެލްނެސް ސެންޓަރެއް ހުޅުވައިފިއެވެ.
'ސޯމާ ވެލްނެސް ކްލިނިކް'ގެ ނަމުގައި ބަތަލާ ހުޅުވި މި ސެންޓަރާ އެކު ސިއްހީ ޚިދުމަތާ ގުޅުންހުރި ވިޔަފާރީގައި މަނޫޝީ ރަސްމީކޮށް ހަރަކާތްތެރިވާނެ ކަމަށް ވަނީ ބުނެފައެވެ.
ރީޖެނެރޭޓިވް މެޑިސިންގެ ޚިދުމަތަށް ހާއްސަ މި ވެލްނެސް ސެންޓަރު މަނޫޝީ ވުޖޫދަށް ގެނައީ ބައްޕަ ޑރ.މިތުރާ ބާސޫ ޗިލާއާ ގުޅިގެންނެވެ. ޑރ. މިތުރާ ބާސޫ އަކީ މި ކްލިނިކުގެ މެޑިކަލް ޑައިރެކްޓަރުވެސް މެއެވެ.
މިސް ވޯލްޑް އަދި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމުގެ ކުރިން 28 އަހަރުގެ މަނޫޝީ ދިޔައީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް ޑޮކްޓަރަކަށް ވުމަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.

މަނޫޝީ ބަތަލާގެ މައިންބަފައިންނާ އެކު މިސް ވޯލްޑް ތާޖު ހާސިލުކުރި ހަފްލާގައި--ފޮޓޯ/ފިލްމުފެއަ
މަނޫޝީ އާއި ބައްޕަ ޑރ.މިތުރާ ބާސޫ ޗިލާ ގުޅިގެން ހުޅުވި 'ސޯމާ ވެލްނެސް ކްލިނިކް'ގެ ޒަރީއާއިން ބައިނަލް އަޤްވާމީ ދުނިޔޭގެ ހެލްތު ދާއިރާގައި މަސައްކަތްކުރާ އެކްސްޕާޓުންނަށް އިންޑިއާގެ ހެލްތު ސިސްޓަމްގެތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މީގެކުރިން އެމެރިކާ، ޔޫރަޕް އަދި މެދުއިރުމަތީގެ ޤައުމުތަކުން ހަމައެކަނި ލިބޭ ރީޖެނެރޭޓިވް ބޭސްފަރުވާގެ ޚިދުމަތް 'ސޯމާ ވެލްނެސް ކްލިނިކް' މެދުވެރިކޮށް އިންޑިއާގެ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުމަކީ އެ ކްލިނިކު/ސެންޓަރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް މަނޫޝީ ވަނީ ބުނެފައެވެ.
ހަމައެއާއެކު އެ ކްލިނިކުގައި ޕްރެކްޓިސް ކުރާނީ އިންޓަނޭޝަނަލް ޕްރޮޓޮކޯލްއާ އެއްގޮތަށް ދެވޭ ފަރުވާތައް ކަމަށް މަނޫޝީ ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ. މި ކްލިނިކުން ތައާރަފްކޮށްފައިވާ ޚިދުމަތްތަކުގައި ތެރޭގައި: ރިވާސިންގް ކްރޮނިކް ކަންޑިޝަންސް، އޮޕްޓިމައިޒިންގް ހޯމޯނަލް ބެލެންސް، މެނޭޖިންގް ވެއިޓް އެންޑް އޭޖް-ރިލޭޓެޑް ޗެލެންޖަސް އަދި ރީސްޓޯރިންގް ވައިޓަލިޓީ އެންޑް ލޯންގް-ޓާމް ވެލްނެސް ހިމެނެއެވެ.
މަނޫޝީ ތައާރަފްކުރި މި ޚިދުމަތްތަކާ އެކު ބައިނަލް އަޤްވާމީ ޕްލެޓްފޯމަކުން ތާޖު ހޯދުމަށްފަހު އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އާއްމުންނަށް ޚިދުމަތް ދިނުމުގައި ބަތަލާ ވަނީ ކުރި ހޯދާފައި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ހަމައެއާއެކު މިއީ އިންޑިއާގެ ހެލްތުކެއާ ސިސްޓަމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މިދިޔަ އަހަރު ބޮޑު ފްލޮޕަކަށްވި ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އަށް ފަހު މަނޫޝީ ވަނީ މި އަހަރު ދެ ފިލްމަކުން ފެނިފައެވެ. އެއީ އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު ކުޅުނު ފިލްމު "މާލިކް" އަދި ޖޯން އަބްރަހަމްއާ އެކު މަސައްކަތްކުރި ފިލްމު "ތެހެރާން"އެވެ.