ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން ސަރުކާރުން އުފައްދާފައިވާ އިންކްއަރީ ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ އެކޮމިޝަނުގެ ކޯ ޗެއާ ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖަސްޓިސް ސެލްވަމް އަނެއްކާ ވެސް އަމިއްލަފުޅު ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 03 ވަނަ ދުވަހު ސެލްވަމް ފުރާވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށާއި އޭނާގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިމަހުގެ 25ގައި އެނބުރި މާލެ ވަޑައިގެންނަވާނެ ކަމަށެވެ.

"ސެލްވަމް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި، އެނބުރި ވަޑައިގެންނަވާ ގޮތަށް އޮތީ 25 ގައި،" އޮފިޝަލް ވިދާޅުވި އެވެ.

ސެލްވަމް ސިންގަޕޫރަށް ފުރާވަޑައިގެންނެވި އިރު އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތައް އަދިވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން އެކިއެކި ބޭފުޅުންނާ އިންޓަވިއު ކުރުމުގެ މަސައްކަތް މިހަފްތާގައި ވެސް ކުރިއަށްދާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ. މިދިޔަ ޖުލައި މަހު ވެސް ސެލްވަމް ވަނީ އަމިއްލަދަތުރުފުޅެެއްގައި ސިންގަޕޫރަށް ހަފްތާއެއްހާ ދުވަހަށް ވަޑައިގެންފަ އެވެ.

އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިންމައި އެކަމުގެ ތަފްސީލް ރިޕޯޓެއް މިމަހުގެ 29 ވަނަ ދުވަހު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި އެރިޕޯޓް މިމަހުގެ 30ގައި އާއްމު ކުރާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.