12 Aug 2012, 15:25
މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި އިންސާނިއްޔަތާ ހިލާފު އަނިޔާތަކާއި ރަޙުމުކުޑަ ޢަމަލުތައް ހިންގަމުންގެންދާތީ، އެކަން އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިޔަނަމްމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތަކާއި ރަހުމުކުޑަ އަމަލުތައް ވަގުތުން ހުއްޓާލައި، އިންސާނީ ކަރާމަތާއި ޝަރަފަށް އިހުތިރާމްކުރުމަށް މިޔަންމާ ސަރުކާރަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.
"މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި މުސްލިމުންގެ ގެދޮރު ރޯކޮށް، އެމީހުންގެ މުދާ ފޭރުމާއި އަންހެނުންގެ އިއްފަތްތެރިކަން ނަގާލުމާއި، ކުޑަކުދިން ކިޑްނެޕްކުރުމުގެ އިތުރުން ފާޅުގައި ގަތުލުއާންމު ހިންގުން ހިމެނޭއިރު، މިސްކިތްތައް ހަލާކުކުރުމާއި، އަޅުކަންކުރުން މަނާކުރުމާއި، އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ ދަރިވަރުން ހައްޔަރުކުރުންފަދަ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ވެސް އެމީހުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ." އެ ބަޔާނުގައިވެ އެވެ.
އަދި ބުނެފައި ވަނީ މިޔަންމާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަނިޔާތަކާއި ރަޙުމުކުޑަ އަމަލުތައް ބަލައި ތަހުގީގުކުރުމަށް ކަމާ ބެހޭ ބައިނަލްއަގްވާމީ އެންމެހާ މުވައްސަސާތަކަށް ގޮވާލާ ކަމަށެވެ.