މުޒާހަރާތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރާނެ މަގު ދައްކުވައިދޭ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފި އެވެ.

އެކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ އެފަދަ ގައިޑްލައިނެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ މުޒާހަރާތައް ކަވަރުކުރުމުގައި ބައެއް ފަހަރު ބްރޯޑްކާސްޓަރުންނާ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހި ތަފާތު ކުށްތަކުގެ ތެރެއަށް ބްރޯޑްކާސްޓަރުންނަށް ވެސް ވަދެވިފައިވާތީ އެފަދަ ކަންކަމުން ބްރޯޑްކާސްޓަރުންނަށް ސަލާމަތްވުމަށް މަގުދައްކައިދިނުމާއި ޕްރޮޕެޝަނަލްކޮށް މަސައްކަތްކުރުމަށް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.


"މިކަމަކީ މުޒާހަރާތައް ކަވަރު ކުރުމުގައި މިހާރު ވެސް ބްރޯޑްކާސްޓަރުންނަށް ތަފާތު މައްސަލަތައް ދިމާވަމުން ދާތީ އެކުލަވާ ގައިޑްލައިނެއް. މިގައިޑްލައިނުން މަގު ދައްކައިދޭނެ ބްރޯޑްކާސްޓަރުން އަމަލްކުރާނެ ކަންތައްތަކާ އަމަލް ނުކުރާނެ ކަންތައްތައް،" ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެފަދަ ގައިޑެއްލައިނެއް އެކުލަވާލުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހިއްސާ އޮތުމަކީ މުހިންމު ކަމެއް ދެކޭތީ އެކަމުގެ މަޝްވަރާތަކުގައި ބައިވެރިވެދިނުމަށް އެދިފައިވާނެ ކަމަށެވެ.

"މިގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލުުމާ ބެހޭ މަޝްވަރާތަކުގައި މީޑިއާ ކައުންސިލުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނުން ދެކޭތީ އެކަމުގައި ބައިވެރިވެދިނުމަށް ވާނީ ހުށަހަޅައިފައި،" ޝަހީބް ވިދާޅުވި އެވެ.