ރިޔާސީ ދައުރު ދަންމާލުމަކީ ގޯސް ކަމެއް ނޫން ކަމަށާއި އެ ކަމަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވިދާޅުވުމުން، ގިނަ ބަޔަކު އެ ކަމާ 'ރުޅި ގަދަވެއްޖެ'އެވެ.

'މެންދުރު ޓީވީ'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، ރާއްޖޭގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސަރުކާރަކުން ކިތަންމެ ހަރުދަނާކަމެއް ކުރިޔަސް ދެން އަންނަ ސަރުކާރުތަކުން އެކަން ނުކޮށް ބާއްވާ ކަމަށެވެ.

އެހެންވެ، ރިޔާސީ ދައުރު ފަސް އަހަރަށްވުރެ ދިގުކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ގްރޭޓާ ގުޑް އެނގޭތޯ، ކަލެކްޓިވް ފައިދާއަށްޓަކައި ރާއްޖޭގެ [ރިޔާސީ] ދައުރު މި ދަންނަވާހެން ދަންމާލުމަކީ ވެސް ހަމަ ގޯސް ކަމެއް ނޫން އެނގޭތޯ. އެ ކަމަކީ ހަމަ މަޝްވަރާކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކެނީ އެ ކަމަކީ ހަމަ ރަނގަޅު ކަމެއް ކަމަށް،" މެޑަމް ސާޖިދާ މުހައްމަދުގެ އެއްބައްޕާފުޅު ބޭބެ، ޖަނާބު ވިދާޅުވިއެވެ.

"ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ބޭނުންވާނެ. ހަމަ އެގޮތަށް އެކްސްޕާޓް އޮޕީނިއަން ބޭނުންވާނެ، ކެބިނެޓްގެ މަޝްވަރާ ބޭނުންވާނެ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ބޭނުންވާނެ،"

އެ ވާހަކަ އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވުމުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެ ގޮތުން، އެކްޓިވިސްޓް، އަދި މިދިޔަ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވި ޝަމްއޫން ޖަލީލް (ލޫކަސް) ފޭސްބުކްގައި ވިދާޅުވީ، ދައުރު ދަންމާލަން ޖެހޭނީ ރައްޔިތުން ގައިމަތިން ޓޭންކަރު ދުއްވާފައި ކަމަށެވެ. ދައުރު ދަންމާލަން "ލާހިކެއް ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުތެރޭ އެހެން ކަމަކާ އުޅެބަލަ،" މުހައްމަދު އަޔާޒް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

މީގެ އިތުރުން، އަބްދުﷲ އިބްރާހިމް ވަހީދު ކިޔާ މީހަކު ފޭސްބުކްގައި އެ ވާހަކައަށްކުރި ކޮމެންޓެއްގައި ބުނީ، އުމުރަށް ރިޔާސީ ދައުރު ދަންމާލައި ވިރާސީ ވެރިކަމަކަށް ބަދަލުކުރިޔަސް މައްސަލައެއް ނެތް މީހުން ވެސް ތިބެދާނެ ކަމަށާއި އެކަމަކު ދިވެހި ރައްޔިތުންނަށް އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ރައްޔިތުން މި ތިބީ އެ ފަދަ ފުރުސަތެއް ދޭގޮތަކަށް ނޫންކަން ހަނދާންކޮށްދެން،" އޭނާ ބުނެފައިވެއެވެ.

އެ ވާހަކައަށް އެކްސްގައި ވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. "ވަރަށް ކުރުކޮށް ބުނާނަން. ހަނދާން ނައްތާލާ،" އައްޓަ އަޝްރަފް ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އަދި، ނެޕްޓިއުން ކިޔާ އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނީ، މީގެ ކުރިން އެއްވެސް ސަރުކާރަކާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ބައިވެރިނުވާ ކަމަށެވެ. އެކަމަކު، ރިޔާސީ ދައުރު ދަންމާލައިފި ނަމަ މުޒާހަރާގައި ބައިވެރިނުވުމަކީ ގޯހެއްކަމަށް ހީވާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، ދައުރު ދަންމާލައިފި ނަމަ މުޒާހަރާކުރާނެ ވާހަކައެވެ.

"އެ މީހުން މި ވާހަކަ [ދައުރު ދަންމާލާ ވާހަކަ] ދައްކަނީ މީހުން ދެކޭގޮތް ބަލަން،" އިބްރާހިމް މުކައްރަމް ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކުރި އެ ބަހުސްގައި ބައިވެރިވެފައެވެ. އެ ގޮތުން، ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން އެ ޚިޔާލަށް ތާއީދުކުރެއްވިއިރު އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ބައެއް މީހުން ވަނީ އެ ކަމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އެ މުއްދަތަށް ބަދަލެއް ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް އެ ނިންމުމެއް ނުނިންމޭނެއެވެ.