12 Aug 2012, 15:04
ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ފަޅާލައި ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ބައެއް ވަގަށް ގެންގޮސްފި އެވެ.
ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަގުން ވަދެ ގެންގޮސްފައި ވަނީ އެ ތިޖޫރީގެ ތެރޭ ހުރި ހަ ހާހަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ބައެއް ކަމަށް ދެއްވަދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިޖޫރީގެ ތެރޭ އޮތް ފޮތެއް ތެރޭގައި ހުރި ފައިސާ ފިޔަވައި އެ ނޫން ހުރިހާ ފައިސާއެއް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއްނުވެ އެވެ.
"ވަގަށް ގެންގޮސްފައި ހުރީ ސިޓީ އުރައިގައި ހުރި ފައިސާ. ފޮތެއްގެ ތެރޭގައި ފައިސާ ހުރީމާ ނޭނގުނީހެން ހީވަނީ،" ދެއްވަދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓް ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި ތިޖޫރީ ހަލާކުކޮށްލައި ފައިސާ ވަގަށް ގެންގޮސްފައި ހުރިކަން އެނގިފައި ވަނީ ހުކުރު ދުވަަހުގެ ރޭ ކަމަށް އެކޯޓުން ބުނެ އެވެ. ނަމަވެސް ސީދާ އެ ވައްކަން ކޮށްފައި ވަނީ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށް އެކޯޓުގެ އޮފިޝަލު ވިދާޅުވި އެވެ.