15 Sep 2025, 08:28
އިންޑިއާގެ އިތުރުން ގިނަ ބައެއްގެ ތަރުހީބު އެންމެ ބޮޑަށް ލިބެމުން އަންނަ ޕާކިސްތާނުގެ ކެމެރާގެ ކުރިމަތިން ފިލްމީ ތަރިން ދައްކަމުންދާ ހިނިތުންވުމުގެ ފަހަތުގައި ހާސްކަމާއި ކަންބޮޑުވުންތައް ހުންނަކަން އެ ތަރިންނެއް ނުދައްކައެވެ.
ނަމަވެސް، ޕާކިސްތާނުގެ ފިލްމީ ތަރިންނަށް އެކި ޕްރޮޑަކްޝަން ކުންފުނިތަކުން ކުރިމަތިކުރަމުންދާ ފިއްތުންތަކާ އެކު އެ ތަރިންގެ އިހުތިރާމް ކުޑަކުރާ ހިސާބަށް އަމަލުތައް ގެންދިއުމުން އެ ވާހަކަ މިވަނީ ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށްވެ އާއްމުންގެ ސަމާލުކަން ހޯދާފައެވެ.
މީގެ ދެ މަސް ކުރިން ބެލުންތެރިންގެ އިހުތިރާމާއި ލޯބި ހޯދާފައި ޕާކިސްތާނުގެ ތަޖުރިބާކާރު އެކްޓަރު ސައްޔިދު މުޙައްމަދު އަހްމަދު ވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެކްޓަރަށް ދޭންޖެހޭ ފައިސާ ޕްރޮޑަކްޝަން ހައުސްތަކުން ނުދޭ ކަމަށް ބުނެފައެވެ.
އެއީ، ގިނަ ބަޔަކަށް ނޭނގޭ ވަރަށް ބޮޑު ހަގީގަތެއް ކަމަށާއި އެކްޓަރުން ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަގު އަދާކުރުން ފަސްކުރަމުން ކުރަމުން ގޮސް ބައެއް ފަހަރު ފައިސާ ހޯދަން ޖެހޭނީ އާދޭސްކޮށްގެން ކަމަށް ސައްޔިދު މުހައްމަދު ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ފިލްމީ ތަރިން ކަމަށްވާ އަހްމަދު އަލީ ބަޓް، ޔާސިރު ހުސެއިން އަދި ފައިޒާން--ފޮޓޯ/އިމޭޖްސް
އެއީ އޭނާ ފަދަ އިންޑަސްޓްރީގައި ދުވަސްވީ އެކްޓަރެއްގެ އިހުތިރާމް ކުޑަވާ ފަދަ އަމަލެއް ކަމަށާއި އެއްފަހަރާ ދޭން އެއްބަސްވެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެސް ފައިސާ ދެނީ ބައި ބަޔަށް ބަހާލައިގެން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ޕާކިސްތާނު ފިލްމު އިންޑަސްޓްރީގެ ގިނަ ޕްރޮޑަކްޝަން ހައުސްތަކުން އެކްޓަރުންނަށް ފައިސާ ނުދީ ދެތިންހަތަރު މަސް ފާއިތުވުމަށް ފަހު އެކްޓަރުންނަށް ފައިސާ ދޭއިރު އެކްޓަރުންނަކީ ސަލާންޖަހާ މީހުންކަން އެ ޕްރޮޑަކްޝަން ހައުސްތަކުން އިހުސާސްކޮށްދޭ ކަމަށް ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ވަނީ ބުނެފައެވެ.
އެއީ، މީގެ ކުރިން ވެސް އެ އިންޑަސްޓްރީގައި ކަން ހިނގާފައިވާ ގޮތްކަން މިހާރު އިހުސާސްކުރެވޭ ކަމަށާއި މިހާތަނަށް އެކަން އެގޮތަށް ދެމިއޮތީ އެއްވެސް ބަޔަކު އެކަމާ ޝަކުވާކޮށްފައިނުވާތީ ކަމަށް ސައްޔިދު މުހައްމަދު ވަނީ ބުނެފައެވެ.
ސައްޔިދު މުޙައްމަދު މިކަމާ ގުޅޭގޮތުން އެހާ ހާމަކަން ބޮޑު ގޮތަކަށް ވާހަކަދެއްކުމާ އެކު ޕާކިސްތާނުގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އެކްޓަރާ އެއްކޮޅަށް ވާހަކަދައްކާފައެވެ.
އޭގެ ތެރޭގައި އަހްމަދު އަލީ ބަޓް، ޔާސިރު ހުސެއިން، ފައިޒާން ހަވާޖާ އަދި މެހެރީން ޖައްބާރު ހިމެނެއެވެ. މި ތަރިން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ފިލްމު އިންޑަސްޓްރީ ދޫކޮށް ގިނަ ފިލްމީ ތަރިން ދާ ސަބަބަކީ ވެސް އެއްބަސްވެފައިވާ ވަގުތަށް ފިލްމީ މަސައްކަތްތަކަށް ދޭންޖެހޭ އަގު އަދާ ނުކުރުމެވެ.
ފިލްމީ ތަރިންނަށް ލަހުން ފައިސާ ދިނުމަކީ މިހާރު ގިނަ ޓެލެވިޒަން ޝޯތައް ގެނެސްދޭ ޕްރޮޑަކްޝަން ހައުސްތަކުން ގެންގުޅޭ ސްޓޭންޑަޑެއް ކަމަށާއި އެކަން އިސްލާހު ކުރެވޭނީ ފިލްމީ ތަރިން އެކައްޗެއް ކިޔައި އެކަމަށް އެންމެން ވަކާލާތުކޮށްގެން ކަމަށް މި ތަރިން ވަނީ ބުނެފައެވެ.