ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނި ދޭވްގަން ފިލްމްސްއިން އުފައްދާ ފިލްމެއްގައި މަސައްކަތްކުރަމުން އަންނަކަމުގެ އިޝާރާތެއް ޒުވާން އެކްޓަރު ސިދާތު ޗަތުރުވެދީ ދީފިއެވެ.

ސޯޝަލް މީޑިއާގައި ސިދާތު ކުރި ޕޯސްޓެއްގައި ފެންނަނީ ދޭވްގަން ފިލްމްސްގެ ނަން ޖަހާފައިވާ ކޮފީ ޖޯޑެއް ދައްކާލާ މަންޒަރެވެ. ހަމައެއާއެކު ފިލްމެއްގެ ޝޫޓިންގްގައި ފެނު އަޑީގައި އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސިދާތު ވަނީ ޕޯސްޓުކޮށްފައެވެ.

ނަމަވެސް, މި ފިލްމު ޕްރޮޖެކްޓާ ބެހޭ އެއްވެސް މައުލޫމާތެއް ސިދާތު ވެސް އަދި ދޭވްގަން ފިލްމްސްގެ ފަރާތުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ސިދާތު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތައް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފޮޓޯތަކާ އެކު އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ މިއީ އަޖޭ ޕްރޮޑިއުސްކޮށް ގެނެސްދޭ ކްރީޗާ ތުރިލާ ފިލްމެކެވެ. އަދި, މި ފިލްމުގެ ޝޫޓިންގް އަންނަ މަހުތެރޭ ފެށުމަށް އަޖޭގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް, ސިދާތުގެ އިތުރުން ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ ކޮން ތަރިންނެއް ކަމެއް ސާފުވެފައެއް ނުވެއެވެ.

ފިލްމު "ގައްލީ ބޯއި"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާނާއަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. ފިލްމު "ގެހެރައިޔާން" އަދި "ދަޅަކް 2"ގައި ސިދާތު ދެއްކި އެކްޓިން ހުނަރާ އެކު އޭނާގެ ކެރިއަރު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ފިލްމު ކްރިޓިކުން ވެސް ވަނީ ބުނެފައެވެ.

ދޭވްގަން ފިލްމްސްގެ ޕްރޮޖެކްޓެއްގެ އިތުރުން ސިދާތު އަންނަނީ ޑައިރެކްޓަރު ވިކާސް ބަލްގެ ފިލްމު "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިންގް"އަށް ވެސް ސޮއިކޮށްފައެވެ. ސިދާތާ އެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ވަމީގާ ގައްބީއެވެ.