ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިރިޔާ ސްކޫލަަށް ވަޑައިގަތް ދުވަހަކު އެމްޑީޕީގެ އަންހެނުންތަކެއް ކުރި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެމްޑީޕީ އަންހެނުންތަކެއް ހިރިޔާ ސްކޫލް ކައިރީ ކުރި މުޒާހަރާއާ ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހަތަރު މީހެއްގެ މައްޗަށް ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އެ ދުވަހުގެ މުޒާހަރާގައި އެ ހަތަރު އަންހެނުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ކަމަށް ބުނެ އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާތީ ދައުވާ ކުރުމަށްޓަކައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މއ. ރަންވިއު، އަރީޝާ އަލީ 45، އާއި މ. ޓްރެންލިޕީ، ލީލީތާ މަސްއޫދު 31،ގެ އިތުރުން ހުޅުމާލެ ފުލެޓް ނަންބަރ 08-3-2 ވިރާޝާ މުހައްމަދު 26، އާއި އަދި ޅ. ހިންނަވަރު ނަބީސް، އާއިޝަތު ނިރާޝާ 21، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައި ވަނީ އެދުވަހުގެ މުޒާހަރާގައި ބައެއް އަންހެން ފުލުހުންނަށް އެކިވަރުގެ އަނިޔާ ދީފައިވާ ކަމަށެވެ. އަދި މުޒާހަރާ ކުރި ބައެއް އަންހެނުން ފުލުހުންގެ މޫނަށް ކުޅު ވެސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.