އަހަރަކަށްވުރެ ގިނަ ދުވަހުގެ ބްރޭކަކަށްފަހު އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ކުޅޭނެއެވެ.

ލީގުގެ މެޗުތައް އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއަށްފަހު ދިމާވި އެކި މައްސަލަތަކާ ގުޅިގެން ލީގު ފެށުން ލަސްކުރިއެވެ.

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު ލީޑަޝިޕުން އެންމެ ފުރަތަމަ މަސައްކަތް ފެށީވެސް ރާއްޖޭގެ ލީގު ފެށޭތޯއެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، އެންމެފަހުން ރަސްމީ ފުޓުބޯޅަ މެޗެއް ކުޅެފައިވަނީ މީގެ 18 މަސް ދުވަސް ކުރިންނެވެ.

ޗެރިޓީ ޝީލްޑް މެޗުތަކުގައި މީގެކުރިން މާޒިޔާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. މިފަހަރުގެ ޗެރިޓީ ޝީލްޑާ އެ ޓީމު ކުރިމަތިލާއިރު، އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް އެންމެ ފުރަތަމަ ތައްޔާރީތައް ފެށި އެއް ޓީމަކީ މާޒިޔާއެވެ. މާޒިޔާއާ ވާދަކުރާ އީގަލްސްއަކީ މި ވޭތުވެދިޔަ އަހަރުތަކުގައި މާޒިޔާއަށް އެންމެ ބޮޑު ޗެލެންޖެއް ދިން އެއް ޓީމެވެ.

ޗެރިޓީ ޝީލްޑް މެޗާއެކު ފުރަތަމަ ޑިވިޝަނުގައި މިފަހަރު އެންމެ ބޮޑު ތަފާތަކަށް ފެންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ހަ އަހަރަށްފަހު އެންމެ މަތީ ޑިވިޝަނަށް އެނބުރި އައުމެވެ.

ޗެރިޓީ ޝީލްޑަށްފަހު ޖެހިގެން އަންނަ ހުކުރު ދުވަހު ކުޅޭ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި އެ ރޭ ކުޅޭނީ ވިކްޓްރީއާ ބުރު ސްޕޯޓްސްއެވެ.

އެއަށްފަހު ހޮނިހިރު ދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ އޮޑި އާއެވެ. އަދި އެ ރޭ ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއެވެ.

އެންމެފަހުން ބޭއްވި ޗެރިޓީ ޝީލްޑް މެޗުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗު މާޒިޔާ މޮޅުވީ 2-1 އިންނެވެ.