12 Aug 2012, 14:20
ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ނޭޝަނަލް އިންފޮމޭޝަން ޓެކޮނޮލްޖީ (އެންސީއައިޓީ) ގުޅިގެން ރަށު ކައުންސިލްތައް ކޮމްޕިއުޓަރު ވިއުގައަކުން ގުޅާލުމުގެ، 16 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިންފޮމޭޝަން ކޮމިއުނިކޭޝަންގެ އެހީގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ ހިދުމަތްތައް ރަށު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ރަށު ފެންވަރުގައި ބެލެހެއްޓޭ މައުލޫމާތުތައް ސަރުކާރުގެ މުއައްސަސާތަކާ އެކު ހިއްސާ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ގައުމީ ކޮމްޕިއުޓާ ވިއުގައާއި ރަށު ކައުންސިލްތައް ގުޅާލުމުގެ އެއްބަސްވުމުގައި ދިރާގާއި އެލްޖީއޭ އާއި އެންސީއައިޓީ އާ ދެމެދު ސޮއިކުރީ މިއަދު އެންސީއައިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ކައުންސިލްތައް ގައުމީ ކޮމްޕިއުޓާ ވިއުގައާ ގުޅާލުމުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ހޯދުމުގައި ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރީ 100 ރަށަކަށް ދިރާގާ އެކު ހިދުމަތް ދިނުމަށް ކަމަށް ވިއަސް، މި ހަފްތާގެ ތެރޭގައި ވަތަނިއްޔާއާ އެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ.
ނަމަވެސް ދިރާގާއި ވަތަނިއްޔާ އިން ވެސް ހިދުމަތް ދެމުން ގެންދާނީ ކިތައް ރަށަށް ކަމެއް ޝަމްހީދެއް ވިދާޅެއްނުވެ އެވެ.
"ރާއްޖޭގައި ސާވިސް ޕްރޮވައިޑަރުންގެ ގޮތުގައި މަސައްކަތްކުރާ ވަތަނިއްޔާ އާއި ދިރާގާއެއްކޮށް އެންސީއައިޓީ އަދި ކޭމްގެ ފަރާތުން މި މަސައްކަތް ކުރަނީ. ދެން މިހާތަނަށް އަޅުގަނޑުމެންނަށް އެގްރިމެންޓް މިކުރެވުނީ ދިރާގާއި އެކުގައި. ދިރާގާއި ވަތަނިއްޔާ އިން ވަނީ މިކަމަށް ވަރަށް ބޮޑަށް ޑިސްކައުންޓެއް ވެސް ދީފައި. ދެބަޔަކަށް ބެހިގެން މިދަނީ. ވަތަނިއްޔާ އެގްރިމެންޓް މިއަދު ނުކުރެވުނު ނަމަވެސް މިހަފްތާގެ ތެރޭގައި އެގްރިމެންޓް ވެސް ކުރެވިގެން ދާނެ،" ޝަމްހީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މަޝްރޫއު ނިމުމާ އެކު ރާއްޖޭގެ 209 ކައުންސިލެއް އެއް ނިޒާމެއްގެ ތެރެއިން ގުޅިގެން ދާނެ ކަމަށާއި އޭރުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ އަވަސްވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ގާއިމް ވެގެންދާ ނިޒާމުގެ އެންމެ މުހިންމު ބޭނުމަކީ، ސަރުކާރުން ރައްޔިތުންނާ ހަމައަށް ވާސިލްވުން. ރައްޔިތުންނަށް ހިދުމަތް ދިނުން، ސަރުކާރު އޮންނާނީ ރައްޔިތުންނަށް ޓަކައޭ. ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ކައުންސިލްތަކުން ވެސް ޖެހޭނީ މިނިޒާމު އައުމުން ފަސޭހަކޮށް ތަރުތީބުކޮށް ވީހާ ވެސް އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުން،" ޖަމީލު ވިދާޅުވި އެވެ.
ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 100 ރަށުގެ މަސައްކަތް މި އަހަރުން ފެށިގެން ކުރިއަށްދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން 50 ރަށަކަށް ހިދުމަތް ފޯރުކޯށް ދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބާކީ ރަށްތަކަށް ނެޓުވާކް ގުޅާލުމުގެ މަސައްކަަތް އަންނަ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯނެޓް ވޯކު މިހާރު މިވަނީ ސަބްމެރިން ކޭބަލެއް އަޅައިގެން ވަރަށް ބޮޑަށް އަޕްގުރޭޑް ކުރެވިފައި. ސަބްމެރިން ކޭބަލް ބޭނުންކޮށްގެން މި ރަށްތަކަށް އަޅުގަނޑުމެން މިހިދުމަތް ދޭނީ މިހާރު އެހެރީ ރާއްޖޭގެ އަށް ސަރަހައްދަކަށް އެހިދުމަތް ވަރަށް ރަނގަޅަށް ފޯރުކޮށް ދެވޭ ގޮތަށް ރޭވިފައި. ދެން ކުދި ކުދި ރަށްތަކަށް އެހިދުމަތް ދޭނީ ރޭޑިޔޯ މެދުވެރިކޮށް އެކަން ކުރަން އަޅުގަނޑުމެން ވަރަށް އަވަހަށް ފައްޓާނަން އަދި ޓާގެޓް ކޮށްފައިވާ ދުވަސްތަކަށް ޑެލިވާ ކޮށްދޭނަން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އެންސީއައިޓީ ބުނީ އެ ނިޒާމުގެ ތެރެއިން ސަރުކާރުގެ ހިދުމަތްތަށް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވެ، މިހާރު ދިމާވާ ގިނަ ގޮންޖެހުންތަކުން އަލިމަގެއް ފެނި ގައުމީ ފެންވަރެއްގައި ކުރާ މަސައްކަތްތަށް ހަލުވިވެ ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
މިއަދު ވެވުނު އެއްބަސްވުމުގައި އެންސީއައިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިއުނިކޭޝަން މިނިސްޓަރ ޑރ. އަހުމަދު ޝަމްހީދާއި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދުއެވެ.