29 Aug 2010, 10:10
15:11
ސައުދީ އަރަބިއާގެ އާއިލާއެއް ކައިރީ މަސައްކަތްކުރަން އުޅުނުއިރު، އެގޭ ވެރިން އަދަބެއްގެ ގޮތުގައި ގަޔަށް މޮހޮރާއި ކަށި ޖަހައި އަނިޔާކުރި ކަމަށް ބުނާ ލަންކާ އަންހެނެއްގެ ހަށިގަނޑުން 15 މޮހޮރާއި ދަގަނޑު ކަށިތަކެއް ނަގައިފި އެވެ.
މިދިޔަ ހަފްތާގައި އެނބުރި ގައުމަށް ދިޔަ އުމުރުން 49 އަހަރުގެ އެލް.ޖީ އަރިޔަވަތީ މިހާރު ވަނީ، އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފަ އެވެ. އޭނާގެ ހަށިގަނޑުން 15 މޮހޮރާއި ދަގަނޑު ކަށިތަކެއް މިހާރު ވަނީ ނަގައިފަ އެވެ. ޖުމްލަ 24 ދަގަނޑު އެތިކޮޅު އޭނާގެ ހަށިގަނޑުން ފެނުނު ނަމަވެސް، ބާކީ ހުރި އެއްޗެހި ފުރާނައަށް ނުރައްކާވެދާނެތީ، ނުނަގާ ބެހެއްޓީ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
އޭނާގެ ނިއްކުރިންނާއި، ފައިން އަދި އަތުން ވެސް މޮހޮރުތައް ފެނިފައިވާއިރު، އޭގެ ތެރޭގައި ދެ އިންޗީގެ މޮހޮރުތަކެއް ވެސް ހިމެނެ އެވެ. މީޑިއާގައި އާއްމުވެފައިވާ އަރިޔާވަތީގެ ބައެއް ފޮޓޯތަކަށް ބަލާއިރު، ހަށިގަނޑުގެ އެތަން މިތަން މިހާރު ވަނީ ވަރަށް ބޮޑަށް ވިހަވެ، ކަޅުވެފަ އެވެ.
އަރިޔަވަތީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ، އޭނާއަށް އަނިޔާކުރީ އޭނާ ހުރި ގޭގައި އުޅޭ ސައުދީ ދެމަފިރިއަކާއި އެމީހުންގެ ދަރިން ކަމަށެވެ. މިދިޔަ މާޗު މަހު ސައުދީ އަށް މަސައްކަތްކުރަންދިޔަ ފަހުން ހުސް ވަގުތެއް އޭނާ ނުވާ ކަމަށާއި އަދި އަރާމުކޮށްލުމުގެ ފުރުސަތެއް ވެސް ނުދޭއިރު، އޭނާ ގައިގައި ތަޅާ އަނިޔާކުރަމުން ދިޔަ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އޭނާގެ ގަޔަށް މޮހޮރު ޖެހީ އެގޭ ވެރިމީހާ ކަމަށާއި އެކަމުގައި އެ އާއިލާ އެންމެން ބައިވެރިވި ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.
އެގޮތުން ކައްޓާއި މޮހޮރު ޖަހަމުންދާއިރު، އަރިޔާވަތީގެ ގައިގައި ހިފަހައްޓައިގެން ހުންނަނީ ގޭ ވެރިމީހާގެ އަންހެނުން ކަމަށާއި އަދި އެމީހުންގެ ދަރިން ދުރުގައި ވަޅި ހިފައިން ތިބޭ ކަމަށްވެސް އަރިޔަވަތީ ކިޔައިދިނެވެ. ނަމަވެސް، އެހުރިހާ ކަމަކަށް ކެތްކޮށްގެން އުޅުނީ، "ކަރު ބުރި" ކޮށްލާނެ ކަމުގެ އިންޒާރުދީ އެމީހުން ބިރުގެންނެވުމުން ކަމަށްވެސް ބައެއް ނޫސްތަކުގައިވެ އެވެ.
ތިން ކުދިންގެ މަންމަ ކަމުގައިވާ އަރިޔަވަތީއަށް އެނބުރި ގައުމަށް ދެވުނީ، އޭނާގެ ޒަޚަމްތަކުން މާ ބޮޑަށް ލޭ އަންނަން ފެށުމުން، އެކަންތައް އިތުރަށް ނުފޮރުވޭނެހެން ހީވާތީ، އެ ދެމަފިރިން އޭނާ ގެނައި އެމްޕްލޯއިމެންޓް އޭޖެންސީއާ ހަވާލުކޮށް ލަންކާއަށް ފޮނުވާލަން އެންގުމުން ކަމަށް ލަންކާގެ އޯލްވޮއިސަސް ވެބްސައިޓުގައިވެ އެވެ. ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެއީ ރަޖިސްޓްރީކޮށްފައިވާ އޭޖެންސީއެއް ނޫންކަން ވަނީ އެނގިފަ އެވެ.
ލަންކާގެ ފޮރިން އެމްޕްލޯއިމެންޓް އޭޖެންސީން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކުރުމަށް ސައުދީއަށް އޮފިސަރުން ފޮނުވާނެ ކަމަށާއި އަދި އަރިޔަވަތީއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.