12 Aug 2012, 13:59
ދެވަނަ ރަމަޟާން ކެރަމްކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާފީ މުހައްމަދު އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އައިމިނަތު ވިޝާމާ ހޯދައިފި އެވެ. އަދި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހަސަން ނާޒިމާއި ހާރިޝް ޒުހޭރު ހޯދީ އިރު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ފައިނާޒާއި ފާތިމަތު ރަޔާނެވެ.
ރޭ ކުޅެވުނު ފައިނަލްތަކުގެ ތެރެއިން ފިރިހެން ސިންގަލްސް ފައިނަލުގައި ޝާފީ މުހައްމަދު ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމާއި ބައްދަލުކޮށް ސީދާ ދެ ސެޓުންނެވެ. އަދި އަންހެން ސިންގަލްސް ފައިނަލްގައި އައިމިނަތު ވިޝާމާ ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސިންގަލްސް އިވެންޓުގެ ފިރިހެން ތިންވަނަ ހޯދީ މުހައްމަދު އިބްރާހިމެވެ. އަދި އަންހެން ތިންވަނަ ހޯދީ އައިޝަތު ފައިނާޒެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ނާޒިމާއި ހާރިޝް ހޯދާފައި ވަނީ ފައިނަލްގައި ޝާފީ މުހައްމަދާއި މުހައްމަދު ނޫރުޝާން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ފައިނާޒާއި ރަޔާން ހޯދާފައި ވަނީ ފައިނަލްގައި ފާތިމަތް ޒޫޝާނާއި މަރިޔަމް ފަރާޝާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފިރިހެން ޑަބަލްސްގެ ތިންވަނަ ހޯދީ ހުސެއިން ނީޝާމާއި އިބްރާހިމް ނާޒިމެވެ. އަދި އަންހެން ޑަބަލްސް ތިން ވަނަ ހޯދީ އައިޝަތު ޝަޒުނާއާއި އައިޝަތު މުޒެއިނަތު ރިޔާޒެވެ.
ޖުމްލަ 58 ފިރިހެން ކުޅުންތެރިއަކާއި 22 އަންހެން ކުޅުންތެރިއަކު ވާދަކުރި މިމުބާރާތުގެ އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 22:00 ގައި ކެރަމް ހޯލުގަ އެވެ.