ދިހަ ކުޅުންތެރިންނާއެކު ކުޅެ, ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑް ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި 12 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ކުޅުނު މެޗު ދިހަ ކުޅުންތެރިންނާއެކު ކުޅެ ރެއާލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ރެއާލުން ވަނީ މި ސީޒަނުގައި ލަލީގާގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދާފައެވެ. ދެވަނައިގައި އޮތް ގެޓާފޭ އަށް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް އެތްލެޓިކް ކްލަބަށްވެސް ލިބިފައިވަނި ނުވަ ޕޮއިންޓެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ރެއާލް މެޑްރިޑަށް މި މެޗުގައި އިތުރު އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ޑީން ހުއިސަން އަށް ރެފްރީ ދެއްކި ރަތް ކާޑާއިއެކު މެޗުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެމްބާޕޭ ދިން ޕާހަކުން އާޑާ ގުލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑް އަށް ލިބުނު ޕެނަލްޓީ އަކުން މިކޭލް އޮޔަޒަބާލް ވަނީ ލަނޑެއް ޖަހާފަ އެވެ.

މި ޕެނަލްޓީ އަކީ ރެއާލް މެޑްރިޑްގެ ޑެނީ ކަރްވަހާލްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.