ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހަކު، ކުށަށް އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ސަބަބުން، އޭނާއަށް ލިބެން އޮތް އުމުރު ދުވަހުގެ ޖަލު ހުކުމުން އެއްބައި އުނިކޮށްދީފިއެވެ.

މިއީ، 2019 ވަނަ އަހަރު، ރ. ހުޅުދުއްފާރު ސުރައްޔާމަންޒިލް، އާދަމް ޝަރީފް، ޑޮމެސްޓިކް ޓާމިނަލުން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މައްސަލައެވެ.

މި މައްސަލައިގައި އާދަމް ޝަރީފާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލާފައިވަނީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހެވެ.

ފަސް އަހަރަށްވުރެ ގިނަ ދުވަސް ފަހުން، މި މައްސަލައިގެ ހުކުމް އިއްވީ، މިދިޔަ ހަފުތާގައެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާގައި އެއާޕޯޓުން އާދަމް ޝަރީފް ހިފަހައްޓާފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ.

އާދަމް ޝަރީފް، ޑޮމެސްޓިކް ޓާމިނަލުން ހިފެހެއްޓުމުން، އޭނާގެ ކުރިމަތި ފަރާތާއި ދިމާލުން ނެގި ޓޭޕް ގަނޑެއްގެ ތެރޭގައި ދެ ރަބަރު ޕެކެޓުގައި ޑައިމޯފިން ހުއްޓެވެ.

މި މައްސަލައިގައި ދައުލަތުން އާދަމް ޝަރީފާ ދެކޮޅަށް އުފުލާފައިވަނީ ވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އާދަމް ޝަރީފްގެ ފަރާތުންވަނީ އެންމެ ފުރަތަމަ މި މައްސަލައިގައި ދައުވާއަށް އިންކާރުކޮށްފައެވެ. އެކަމަކު، ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ 25 އަހަރު ދުވަހުގެ ޖަލު ހުކުމާއި 100،000 ރުފިޔާގެ ޖޫރިމަނާގެ ވާހަކަ ކިޔައިދިނުމުން އާދަމް ޝަރީފް ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދީއެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުން ޝަރިއަތަށް ބަލައިގަނެ، މައްސަލަ ބެއްލެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ނިންމެވީ، އާދަމް ޝަރީފުގެ އަދަބު ލުއިކޮށްދޭށެވެ.

އަދަބު ލުއި ކުރުމުން، މި މައްސަލައިގައި އާދަމް ޝަރީފްގެ މައްޗަށް އިއްވީ، 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 50،000 ރުފިޔާގެ ޖޫރިމަނާއެކެވެ.

12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމުން، މި މައްސަލައިގައި ފުރަތަމަ އާދަމް ޝަރީފް ހައްޔަރުކޮށްފައި ހުރި މުއްދަތު އުނިކުރާނެއެވެ.