ދިރާސާތަކުގެ އަލީގައި, ޒަމާނީ ތަމްރީނާއި ހުނަރު ތަރައްގީކުރުމަށް އަލިއަޅުވާލައި މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް)އިން ބޭއްވި ފަސް ވަނަ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސަށް ބޮޑު ތަރުހީބެއް ލިބިއްޖެއެެވެ.

މާޕްއިން ބުނެފައިވާ ގޮތުގައި، އެ ކޮންފަރެންސްގެ ބޭނުމަކީ ހިއުމަން ރިސޯސް އެންޑް ލާނިން ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް، މުވައްޒަފުން ތަމްރީނު ކުރުމާ ގުޅޭ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ކިޔައިދިނުމެވެ.

މާޕްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ ތެރެއިން: މިއީ 2019 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ކޮންފަރެންސެއް ---- ފޮޓޯ/ މާޕް

ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން މާޕްއިން ބާއްވާ މި ކޮންފަރެންސަކީ މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި މުހިންމު މަންސައެއް ކަމަށްވާއިރު، ތަފާތު ޚިޔާލުތަކާއި މައުލޫމާތުތައް މި ކޮންފަރެންސްގައި ހުށަހަޅައެވެ.

މިއަހަރުގެ ކޮންފަރެންސް ޝިއާރަކަށް ކަނޑައަޅާފައި އޮތީ "ނެވިގޭޓިން ޓުމޯރޯ: ބިލްޑިން ފިއުޗާ ރެޑީ އޮގަނައިޒޭޝަން ތްރޫ ޓްރާންސްފޮމޭޓިވް ލާނިން" އެވެ.

ބައިނަލްއަގްވާމީ ކީނޯޓު ސްޕީކާ އަދި އެގްޒެކެޓިވް ކޯޗު އަފީފް ހުސެއިން 'ސަން'އަށް ވިދާޅުވީ މި ކޮންފަރެންސްގައި މަސައްކަތް ކުރީ ޒަމާނާ އެއްގޮތަށް ތަމްރީނުތައް ދީގެން، މީހުން ތަމްރީނު ކުރާނެ ގޮތުގެ ވާހަކަ ދެއްކުމަށް ކަމަށެވެ.

މި ކޮންފަރެންސްގައި ސެޝަންތައް ކުރިއަށް ގެންދިޔައީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ދާއިރާއާ ގުޅުން ހުރި ތަޖުރިބާކާރުންނެވެ.

ކޮންފަރެންސްގައި ވާހަކަދެެއްކެވި ބައެއް ސްޕީކަރުންނަކީ:

  • މާޕްގެ ޕަބްލިކް ރިލޭޝަންގެ ނައިބު ރައީސް އައިޝަތު ނިހާ

  • ދިރާގުގެ ޗީޕް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް
  • އެޑިއުކޭޓާ އެންޑް ލާނިން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް ފާތިމަތު އުނައިފަތު އަހުމަދު
  • އެގްޒެކެޓިވް ލީޑަޝިޕް ކޯޗު އަދި ކީނޯޓު ސްޕީކަރު ކިމް އަންޑާ ހިލް
  • ސިންގަޕޯ ހިއުމަން ރިސޯސަސް އިންސްޓިއުޓްގެ ސީއީއޯ އަލްވިން ގޮހް
  • ގްލޯބަލް ހިއުމަން ރިސޯސް ލީޑަރު ޑެނިއެލް ޗިއާ
  • ގްލޯބަލް ސްޕީކާ އޮން އެންއެލްޕީ ބާރްތީ ނައިކް

އަފީފް ވިދާޅުވީ، މި ކޮންފަރެންސްގައި 200އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށާއި މިއީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މާޕްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގައި ސްޕީކަރަކު ވާހަކަދައްކަވަނީ: އެ ކޮންފަރެންސަށް ލިބުނު ތަރުހީބު ބޮޑު --- ފޮޓޯ/ މާޕް

ދެހާސް އަށާރަވަނަ އަހަރު އުފެއްދި މާޕްއަކީ ރާއްޖޭގައި އެޗްއާރް އަދި މީހުން ތަރައްގީކުރުމަށް ރަޖިސްޖިސްޓަރީ ކުރި ފުރަތަމަ ޕްރޮފެޝަނަލް ޖަމިއްޔާއެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެ ފަރާތްތަކަށް ބޭނުންވާ ފަހުގެ ވަސީލަތްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާ ގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން، އެ ޖަމިއްޔާއިން އަހަރީ އެޗްއާރް ކޮންފަރެންސާއި ކޮންވެންޝަން ވެސް ބާއްވައެވެ.