13 Sep 2025, 18:16
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މީޑިއާ ކޮންޓްރޯލް ބިލާ މެދު ކޮންމެ މީހަކަށް ވެސް ޚިޔާލު ފާޅުކުރެވޭ ގޮތަށް އޯޕެން ފޯރަމެއް ބާއްވަން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ތައްޔާރުވެއްޖެއެވެ.
"ޚިޔާލާއި ފިކުރު ކަފުނަށް" ނަމުގައި އާޓިފިޝަލް ބީޗުގައި މިރޭ 8:45 ގައި އޮންނަ ފޯރަމާ ގުޅޭ މައުލޫމާތު ދެއްވަމުން އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަދި އިންތިޚާބީ ރައީސް އަހްމަދު ނާއިފް ވިދާޅުވީ، ޒުވާނުންނާ ގުޅިގެން ބާއްވާ މި ފޯރަމަކީ މީޑިއާ ކޮންޓްރޯލް ބިލަށް އާންމުން ހޭލުންތެރިކުރުވުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.
ލައިވް މިއުޒިކްގެ ހަރަކާތްތަކާއެކީ ބާއްވާ މި ފޯރަމްގައި ބޮޑަށް ކިޔައިދެމުން ދާނީ ބިލުގެ ސަބަބުން ޚިޔާލު ފާޅުކުރުމަށް އާންމުންނަށް ކުރިމަތިވާނެ ހުރަސްތައް ކަމަށާއި، ބިލާ މެދު އިތުރަށް އާންމުން ހޭލުންތެރިކުރުވަން މަސައްކަތްކުރާނެ ކަމަށް ނާއިފް ވިދާޅުވިއެވެ.
އާންމުންނަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ނޫސްވެރިން ޖަވާބުދޭނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިރޭގެ ފޯރަމްގައި އިތުރަށް އެ ވާހަކަތައް ކިޔައިދީ އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާނަން، ދެން އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ އާންމުން މި ފޯރަމަށް ޖަމާވެ އެ ބޭފުޅުންގެ ޚިޔާލު ފާޅުކުރެއްވުން، ދެން އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދީފައި މި ފޯރަމްގައި އޮންނާނެ އާންމުން، އެ މީހުންގެ ޚިޔާލުތައް ފާޅުކުރަންވީއޭ މިތަނަށް އައިސް އަޅުގަނޑުމެން ބޮޑަށް ވާހަކަ ދެއްކުމަށް ވުރެ،" ނާއިފް ވިދާޅުވިއެވެ.
މި ފޯރަމްގައި ގެސްޓް ސްޕީކަރުންގެ ގޮތުގައި ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނުވެރިން ބައިވެރިވާނެ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.
އެމްޖޭއޭގެ އިންތިޚާބީ ނައިބު ރައީސް މުހައްމަދު ޝަހުޒާން ވިދާޅުވީ، މި ބިލަކީ އާންމުންގެ ވިސްނުމާއި ޚިޔާލާ ގުޅިފައިވާ ބިލެއް ކަމަށާއި، ބިލު ފާސްކުރާ ހިސާބުން ފެށިގެން އާންމުންނަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ.

މީޑިއާ ބިލާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަށް އެމްޖޭއޭއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން: މިރޭ އެކަމާ ގުޅޭ ފޯރަމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ/ އެމްޖޭއޭ، އަނޫފް ޖުނައިދު
ބިލާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އިތުރުން އެކި ތަންތަނުގައި ނުރަނގަޅު ވާހަކަ ދެކެވެމުންދާކަން ފާހަގަކުރައްވައި ޝަހުޒާން ވިދާޅުވީ، މި ފޯރަމް ބާއްވަން ނިންމީ ސީދާ ނޫސްވެރިންނާއި އާންމުން ވާހަކަދެއްކުމަށް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ބިލުގެ ކަންބޮޑުވުންތައް ނޫސްވެރިންގެ އިތުރުން ގާނޫނީ ވަކީލުންވެސް ތަފްސީލުކޮށް ކިޔައިދޭނެއެވެ.
"މިއީ ވަރަށް ރަނގަޅު ފެށުމެއް، ދިވެހިރާއްޖޭގައި ހަގީގަތުގައި ގާނޫނުހަދާ މަޖިލީހުގައި ބޮޑެތި ބަދަލުތައް ގެނައިއިރު، މިސާލަކަށް ގާނޫނުއަސާސީއަށް ބަދަލު ގެނައިއިރު އާންމުންގެ ޚިޔާލެއް ނުހޯދާ މަޝްވަރާއެއް ނުހޯދާ، އެހެންވީމާ މިއީ ރަނގަޅު ފެށުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ޝަހުޒާން ވިދާޅުވިއެވެ.
މިއަދު ހުޅުވާލަނީ ޝަހުޒާން ވިދާޅުވިގޮތުގައި އާންމުން އައިސް، ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނޫސްވެރިން ގޮވައިލަމުން އަންނަނީ މި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، މަޖިލީހުން ބޭރުކޮށްލުމަށެވެ.
އެހެން ގޮވައިލަމުން ދަނިކޮށް މަޖިލީހަށް މި ބިލު ބަލައިގަނެ، މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ، ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅައިފައެވެ. އެގޮތުން ބަންޑާރަނައިބުގެ އިދާރާއިން ވަނީ ޖުމްލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފައެވެ.
ހުށަހަޅާ އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ. އިތުރަށް އެ ބިލަށް ހުށަހެޅި އިސްލާހުތަކަކީ:
ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލްކެޓްރޯނިކް މިޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުން
- ކޮމިޝަންގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އެކޮމިޝަނުގެ ލަފަޔާއެއްކޮށް ބަޖެޓުން ކޮންމެ އަހަރަކު ވެސް ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަން ވާނެ ކަމަށް ބަޔާންކޮށް މާއްދާއެއް ހިމެނުން
- ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލައެއް ބަލަން ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމުކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީން ކުރާ ގޮތަށް ހަމަޖައްސައި، އެ ކޮމިޓީއާ ގުޅޭ އުސޫލުތައް ބިލުގައި ހިމެނުން
- ބިލުގެ 44ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން
- 42 ވަނަ މާއްދާގައިވާ 'ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާކުރުމުގެ މިންގަނޑު' އުނިކޮށް، 'އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު' ބިލުގައި ހިމަނައި، ތަފްސީލުކުރުން
- ބިލުގެ 39 ވަނަ މާއްދާގައިވާ މީޑިއާގެ ސުލޫކީ ހަމަތަކުގެ ތެރޭގަުއ ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރަށް އިންސާފުވެރިކަމާއި ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން
- 41 ވަނަ މާއްދާގައިވާ މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް އޮތްއޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ބެލުން
ހަމައެހެންމެ، ކޮމިޝަނަށް މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައާއި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނުހިމެނޭ ގޮތަށް ބިލުގެ ތިން މާއްދާއެއް ވެސް ހުށަހަޅައި، އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ އުނިކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މީޑިއާ 'ކޮންޓްރޯލް' ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް މި ބިލުގައި ހިމެނޭ ކަމަށް ބުނެއެވެ. މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ފުރަތަމަ ސަރުކާރުން ބުނި ނަމަވެސް މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.
މިހާރު ބިލާ ގުޅޭ ގޮތުން އޮތް އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބަންޑާރަނައިބުގެ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުގެ ތެރެއިން މީޑިއާ ތަފްސީލުކޮށްފައި އޮންނަ އޮތުމެވެ. އެގޮތުން މިފަހަރު ހުށަހެޅި އިސްލާހުގައި ސަރުކާރުން މީޑިއާގެ ގޮތުގައި މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އެހެންކަމުން މި ބިލާއެކު ނޫސްތަކެކޭ އެއްގޮތަށް ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ސަރުކާރުން ފަށާނެ ކަމަށް ބުނެ, ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.