ބްރެޒިލް އަތުން 2-1 ލަނޑުން މޮޅުވެ އޮލިމްޕިކް ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން މެކްސިކޯ ހޯދައިފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މެކްސިކޯއިންނެވެ. އެލަނޑު މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ މިނެޓުގައި ފޯވަޑް އޮރީބޭ ޕެރަލްޓާ އެވެ. މެކްސިކޯއިން ރޭ ބްރެޒިލްކޮޅަށް ޖެހި ފުރަތަމަ ގޯލް ވެފައި ވަނި މިހާތަނަށް ބޭއްވި އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅައިގެ އިންވެންޓުގައި ޖެހި އެންމެ އަވަސް ގޯލަށެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ، މިމެޗުގެ ފުރަތަމަ ހާފް އެއް ލަނޑުގެ ލީޑަކާ އެކު މެކްސިކޯއިން ނިންމާލި އިރު، ބްރެޒިލްގެ މައްޗަށް އެޓީމުން ލީޑް ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. އެލަނޑު މެކްސިކޯއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިން ޕެރަލްޓާ އެވެ.

ރޭގެ މެޗުގައި މެކްސިކޯ ކޮޅަށް ބްރެޒިލްއިންޖެހި އެޓީމްގެ ހަމައެކަނި ލަނޑު މެޗު ނިމެން ދަނިކޮށް، އެޓީމަކަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޯޓޯގެ ފޯވަޑް ހަލްކެވެ.

ރޭގެ މެޗަށް ފަހު މެކްސިކޯއަށް ދެ ގޯލް ކާމިޔާބު ކޮށްދިން ފޯވަޑް އޮރީބޭ ޕެރަލްޓާ ބުނެފައި ވަނީ، ރޭގެ ކާމިޔާބީއަކީ އޭނާގެ ފުޓްބޯޅައިގެ ކެރިޔާގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް ލިބުނު ބޮޑު އުފަލެއް ކަމަށާއި ޓީމުގެ ހުރިހާ ކުޅުން ތެރިން ވެސް ބެރެޒިލްއާ ދެކޮޅަށް ނިކުތީ މިފަހަރުގެ ތަށި ހޯދުމުގެ އުންމީދުގައި ކަމަށެވެ.