ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީގެ އާއިލާ މެމްބަރުން ދިރިއުޅޭ އުއްތަރު ޕްރަދޭޝް ސިޓީގެ ބަރީލޭގައި ހުންނަ ގެއަކަށް ބަޔަކު މީހުން ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

ދިޝާ އިންޑިއާގެ މުމްބާއީގައި ދިރިއުޅެމުން އަންނައިރު ބަރީލޭގައި ހުންނަ އެ ގޭގައި ދިރިއުޅެނީ ދިޝާގެ ކޮއްކޮ ޚުޝްބޫ ޕަޓާނީ އާއި ބޭބެ ސުރްޔާންޝްގެ އިތުރުން ތިން ބެއިންގެ މައިންބަފައިންނެވެ. ބަޑީގެ ހަމަލާ އެ ގެއަށް ދިން ވަގުތު އާއިލާގެ ހުރިހާ މެމްބަރުން ވެސް ތިބީ ނިދާފައެވެ.

އެ ސަރަހައްދު ދޫކޮށް ފިލައިގެން ދިއުމުގެ ކުރިން ހަމަލާ ދިން މީހުން ވަނީ 10 ނުވަތަ 12 ފަހަރު އެ ގޭގެ ބޭރަށް ބަޑީގެ ވަޒަންތައް ޖަހާފައެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި މި ހަމަލާތައް ދީފައި ވަނީ ސައިކަލެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ދެ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމަލާ ދިންތާ އިރުތަކެއް ފަހުން އިންޑިއާގެ މަޝްހޫރު ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ދެ ގޭންގްސްޓާރަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެފައެވެ.

ދިޝާ ދައްތަ ޚުޝްބޫއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ހަމަލާ ދީފައި ވަނީ ދިޝާގެ ދައްތަ ޚުޝްބޫ ޕަޓާނީ, ހިންދޫ ދީނުގެ ދެ ގުރޫއިން ކަމަށްވާ ޕްރަމަނާންދް ޖީ މަހާރާޖް އަދި އަނިރޫދު އަޗަރުޔާ ޖީ މަހާރާޖްއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާތީ ކަމަށް އެ ގޭންގުން ވަނީ ބުނެފައެވެ.

މި ހަމަލާ އަކީ ބޮލީވުޑްގައި މަސައްކަތްކުރާ ފިލްމީ ތަރިންނަށް ދައްކާލި ޓްރެއިލާއެއް ކަމަށާއި ހިންދޫންގެ މީހުންގެ ފައްޅިތަކުގެ އިސްވެރިންނަށާއި ހިންދޫއިން ގަބޫލުކުރާ އެފަދަ ގުރޫއިންނާ ގުޅޭގޮތުން އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކާ އެއްވެސް މީހަކަށް ދެން އިންޒާރު ނުދޭނެ ކަމަށާއި އޭގެ ބަދަލުގައި އެ ބަޔަކު މަރާލާނެ ކަމަށް ބުނެ އެ ގޭންގުން ވަނީ އިންޒާރު ދީފައެވެ.

މި ހަމަލާއަށްފަހު ދިޝާގެ އާއިލާ ދިރިއުޅޭ ބަރީލޭގައި ހުންނަ އެ ގެއަށް ފުލުހުންގެ ފަސް ޓީމަކުން ގޮސް އެ ހާދިސާގެ ތަހުގީގުތައް ފަށާފައިވާ ކަމަށް ބަރީލޭ ފުލުހުންގެ ސީނިއަ ސުޕްރިޓެންޑެންޓު ވަނީ މީޑިއާގައި ބުނެފައެވެ.

ދިޝާގެ އާއިލާ ދިރިއުޅޭ ގޭގައި ފުލުހުން ހަރަކާތްތެރި ވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ދިޝާގެ ދައްތަ ޚުޝްބޫއަށް ހިންދޫންއިންގެ ފާޑުކިޔުންތައް އަމާޒުވާން ފެށީ އެ މީހުންގެ ގުރޫ ކަމަށް ގަބޫލުކުރާ އަނިރުދު އަޗާރިޔާ މަހާރާޖް އަންހެނުންނާ ދެކޮޅަށް ވާހަކަ ދައްކާ ވީޑިއޯއަކަށް ޖަވާބު ދިނުމާ ގުޅިގެންނެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ޚުޝްބޫ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ދެއްކި ވާހަކަ ތަކަކީ އަނިރުދު މަހާރާޖްއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި ބަޔަކު މީހުން އޭނާ އައްޑަނައަކަށް ނަގައިގެން އާއްމުންގެ މެދުގައި ނަފުރަތު އުފައްދަން މަސައްކަތް ކުރާ ކަމަށެވެ.

ދިޝާގެ އާއިލާއަށް އަމާޒުކޮށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާއިރު މި ހަމަލާ ދިން ކަމަށް އެއްބަސްވެފައިވާ ދެ ގޭންގުސްޓާރުން މިހާރު ވަނީ އިންޑިއާ ދޫކޮށް އެމެރިކާ އަދި އިނގިރޭސިވިލާތަށް ދަތުރުކޮށް ފިލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެ މީހުންނަކީ ވެސް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ އަދި އިންޑިއާގެ އެކި ސްޓޭޓްތަކުގެ ފުލުހުން ގެއްލިގެން ހޯދާ ދެ މީހުން ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

މަޝްހޫރު ބިޝްނޯއީ ގޭންގުން އިންޑިއާގެ ފިލްމީ ތަރިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކާއި އިންޒާރުތައް ދެމުން އަންނައިރު ދާދިފަހުން އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ކެނެޑާގައި ހުޅުވި ކެފޭއަކަށް ވެސް އެ ގޭންގަށް ނިސްބަތްވާ ބަޔަކު ވަނީ ހަމަލާދީފައެވެ.

އެ ހަމަލާ ދީފައި ވަނީ އެ ގޭންގުން ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުން އަންނަ ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު ކަޕިލް މާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ބުނެއެވެ.