ކަޝްމީރުގެ މުސްލިމުން ގޯސްކޮށް "ދަ ކަޝްމީރު ފައިލްސް"ގެ ނަމުގައި ފިލްމެއް އުފެއްދި އިންޑިއާގެ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ އާ ފިލްމު "ދަ ބެންގޯލް ފައިލްސް"އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރުމަށް ފަހު މިއަދާ ހަމައަށް ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ ދިހަ ކްރޯޑު ރުޕީސްއެވެ.

"ދަ ކަޝްމީރު ފައިލްސް"އަށް އާއްމުންގެ ސަމާލުކަން ލިބި ބޮޑު ކާމީޔާބީއެއް ލިބުނު ނަމަވެސް މިފަހަރު ވިވެކްގެ ޓީމުން ގެނެސްދިން ޓްރިލޮޖީ ފިލްމު "ދަ ބެންގޯލް ފައިލްސް"އަށް ބެލުންތެރިންގެ ފަރާތުން ވެސް މިހާތަނަށް ރައްދުވެފައި ވަނީ ވަރަށް ނުރުހުމުގެ ބަސްތަކެކެވެ.

އާއްމުންގެ ފަރާތުން ލިބެމުންދިޔަ ރިވިއުސްތައް މާ ރަނގަޅު ނުވުމުން ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކުރިއެރުމެއް ހޯދޭނެ ގޮތެއް ވަނީ ނުވެފައެވެ.

ފިލްމު "ދަ ބެންގޯލް ފައިލްސް"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މިހާތަނަށް މި ފިލްމުގެ 200 ޝޯ ދައްކަން ނިންމާފައިވާއިރު މިހާތަނަށް ލިބިފައި ވަނީ އޭގެ 18.5 އިންސައްތަ އޮކިއުޕެންސީއެވެ. ފިލްމު "ދަ ބެންގޯލް ފައިލްސް"އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ނާކާމިޔާބީއާ ގުޅިގެން ވިވެކް ވަނީ ފިލްމުގެ ބައެއް ޕްރޮމޯޝަނަލް ހަފްލާތަކުގައި ވަރަށް ރުންކުރުކޮށް ވާހަކަ ވެސް ދައްކާފައެވެ.

މީޑިއާއަށް ދީފައިވާ ބައެއް އިންޓަވިއުތަކުގައި ވިވެކް ބުނީ "ދަ ކަޝްމީރު ފައިލްސް"އިން ލިބުނު އާމްދަނީގެ ވަރަށް ބޮޑު ބައެއް އޭނާ ވަނީ "ދަ ބެންގޯލް ފައިލްސް"އަށް އިންވެސްޓުކޮށްފައެވެ.

ހަމައެއާއެކު ފިލްމު އުފެއްދުމަށް އިންވެސްޓަރެއްގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިވާ ކަމަށާއި "ދަ ބެންގޯލް ފައިލްސް"އިން ފައިދާ ނުވެއްޖެނަމަ މާލީ ގޮތުން އޭނާގެ ޓީމު ވަރަށް ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް ވިވެކް ވަނީ ބުނެފައެވެ.

"ދަ ބެންގޯލް ފައިލްސް" ބިނާކޮށްފައި ވަނީ، އިނގިރޭސީން އިންޑިއާއިން ފައިބައިގެން ދިއުމާ އެކު އިންޑިއާގެ ކަލްކަތާގެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގެ މައްޗަށެވެ.

މި ފިލްމުގައި ވެސް ވިވެކް ވަނީ މުސްލިމުން ގޯސްކޮށްފައެވެ. ފިލްމުގެ ބައެއް ކެރެކްޓާތައް ގެނެސްދީފައި ވަނީ އެ ކެރެކްޓާތަކުގެ އަސްލާ އެއްގޮތަށް ނޫން ކަމަށާއި އެ އާއިލާތަކާ ފިލްމާ ގުޅޭ މަޝްވަރާތައް ނުކޮށް މުޅިން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފިލްމު ބޮއިކޮޓް ކުރުމަށް ވެސް ގޮވާލާފައެވެ.