އިންޑިއާގެ މަގުބޫލު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާ ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދެމުން އަންނަ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި މަހާރަޝްތުރާގެ ސިޓީ މުމްބާއީގެ ނަން ގޯސްކޮށް ބޭނުންކުރަމުން އަންނާތީ ސިޔާސީ ޕާޓީއަކުން ކަޕިލްއަށް އިންޒާރުދީފިއެވެ.

އިންޑިއާގެ މަހާރަޝްތުރާ ނަވްނިރްމަން ސެނާ (އެމްއެންއެސް)ގެ ލީޑަރު މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނެޓްފްލިކްސް ޝޯގެ ވަރަށް ގިނަ އެޕިސޯޑުތަކުގައި ކަޕިލް ވަނީ މުމްބާއީގެ ނަން "ބޮމްބޭ" ނުވަތަ "ބަމްބައި"ގެ ގޮތުގައި ބޭނުންކޮށްފައެވެ.

އެއީ މުމްބާއީގެ ހުރުމަތް ކަނޑާލުން ކަމަށާއި އިންޑިއާގެ އެހެން ސިޓީތަކަށް ކަމަށްވާ ޗެންނާއީ، ބެންގަލުރޫ އަދި ކޮލްކަތާގެ ވާހަކަ ދައްކާއިރު ރަނގަޅަށް އެ ސިޓީތަކުގެ ނަން ބޭނުންކުރާއިރު މުމްބާއީގެ ނަން ގޯސްކޮށް ކިޔާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށް އެ ޕާޓީގެ ލީޑަރު ވަނީ ބުނެފައެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ އެޕިސޯޑެއްގެ މަންޒަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މުމްބާއީގެ ގިނަ ބަޔަކު ކަޕިލްގެ ޝޯ ބަލާ ކަމަށާއި ކަޕިލްއަށް ތަރުހީބުދޭ ގިނަ ބަޔަކު އެ ސިޓީގައި ތިބިއިރު އެކި ގޮތްގޮތަށް އެ ސިޓީގެ ނަން ބޭނުން ނުކުރުމަށް އެމްއެންއެސް ސިޓީގެ ލީޑަރު އެ ޕާޓީގެ ފިލްމު ވިންގްގެ އިސްވެރިޔާ ވަނީ އެދިފައެވެ.

ކަޕިލްއެކޭ އެއްގޮތަށް ކަޕިލްގެ ޝޯގައި ބައިވެރިވާ މެހެމާނުން ވެސް ގޯސްކޮށް މުމްބާއީގެ ނަން ކިޔާނަމަ ރަނގަޅުކޮށް ދިނުމަށް އެދޭކަމަށާއި މިހާތަނަށް އެ ސިޓީގެ ނަން ގޯސްކޮށް ބޭނުންކުރެވުނީ އޮޅިގެން ކަމަށް ބަލައި އެކަން މާބޮޑު ކަމަކަށް ނަހަދާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް މުސްތަގުބަލުގައި ކަޕިލް އަދި ޝޯއަށް އަންނަ މެހެމާނުން ވެސް މުމްބާއީގެ ނަން ގޯސްކޮށް ކިޔާނަމަ އެއީ ގަސްތުގައި ކުރާކަމެއް ކަމަށް ބަލައި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޕާޓީގެ ބަޔާނުގައި ވަނީ އިންޒާރުދީފައެވެ.

އެމްއެންއެސްގެ ފަރާތުން މި މައްސަލަ ބޮޑުކޮށް ބަޔާނެއް ނެރެފައި ވަނީ ދާދިފަހުން ކަޕިލް ގެނެސްދިން އެޕިސޯޑުގައި ބަތަލާ ހުމާ ޤުރައިޝީ މުމްބާއީގެ ބަދަލުގައި ބޮމްބޭ ބޭނުންކުރުމުންނެވެ.

ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަޕިލްގެ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ މިހާރު ޕްރިމީއަ ކުރަމުން އަންނަނީ ތިން ވަނަ ސީޒަނެވެ.