މީގެ ކުރިން އިންޑިއާގައި ރިލީޒްކުރުން މަނާކޮށްފައިވާ ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "އާބީރު ގުލާލް" އެންމެފަހުން އިންޑިއާގައި ވެސް ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިއްޔެ ބޭރު ޤައުމުތަކުގައި ރިލީޒްކޮށްފައިވާ ފިލްމު "އާބީރު ގުލާލް" އިންޑިއާގައި ރިލީޒްކުރާނީ މި މަހުގެ 26ވާ ހުކުރު ދުވަހު ކަމަށް ބޮލީވުޑް ހަންގާމާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

ބޭރުގެ ޤައުމުތަކުގެ ރިލީޒްކުރާތާ ދެ ހަފްތާ ފަހުން އިންޑިއާގައި މި ފިލްމު ރިލީޒްކުރަން ނިންމީ އިންޑިއާގެ ޓީމެއް ކަމަށްވާ އިންޑިއަން ސްޓޯރީސް ލިމިޓެޑް (ޔޫކޭ)އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މަހުގެ 26ގައި އިތުރު ފިލްމެއް އިންޑިއާގެ މާކެޓަށް ނެރެން ހަމަޖެހިފައިނުވާތީ ފިލްމު "އާބީރު ގުލާލް"އަށް ބެލުންތެރިންގެ ތަރުހީބު ހޯދުމުގައި ކުރި ލިބޭނެ ކަމަށް މި ޓީމުން ވަނީ ބުނެފައެވެ.

ފިލްމު "އާބީރު ގުލާލް"ގެ މަންޒަރެއްގައި ފަވާދު އާއި ވާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ނިންމުމާ ގުޅޭގޮތުން އިންޑިއާގެ ފިލްމު ފެޑޭރޭޝަންއިން ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު ފިލްމު އިންޑިއާގައި ރިލީޒްކުރާ ޚަބަރާ އެކު އިންޑިއާގައި ތިބި ފަވާދުގެ ސަޕޯޓަރުންނަށް މިއީ ލިބޭ ވަރަށް އުފާވެރި ޚަބަރަކަށްވާނެއެވެ.

މީގެކުރިން "އަބީރު ގުލާލް"ގެ ނަމުގައި އިއުލާނުކުރި ފިލްމުގެ ޓައިޓްލް "އާބީރު ގުލާލް"އަށް ބަދަލުކޮށްފައިވާއިރު މި ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ އަރަމުން އަންނަ ފިލްމީ ތަރި ވާނީ ކަޕޫރެވެ.

މިހާތަނަށް ފިލްމު އިންޑިއާގައި ރިލީޒްކުރުމާ ބެހޭގޮތުން ފިލްމުގެ ރަސްމީ އިންސްޓަގްރާމްގައި ވެސް ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުގައި ވަނީ ފިލްމު އެ ޤައުމުގައި ރިލީޒްކުރާކަމަށް ބުނެފައެވެ.

މި ފިލްމު އިންޑިއާގައި ދެއްކުން މަނާކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 22ގައި ކަޝްމީރުގެ އިންޑިއާވީ ފަޅީގައި އޮންނަ ޕަހަލްގާމްގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ބަޔަކަށް ހަތިޔާރު އެޅި ޖަމާއަތަކުން ހަމަލާދީ މަރާލުމާ ގުޅިގެން ދެ ޤައުމުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ.