12 Aug 2012, 13:30
އިނގިރޭސި ވިލާތުން ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ދަށްވެ އެގައުމުން ލަންކާ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މަތިވަމުން އަންނަ ކަމަށް ލަންކާގެ ނޫހަކުން ބުނެފި އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ "ދަ ސަން ޑޭ ޓައިމުސް" އިން އިއްޔެ ބުނެފައި ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވުރެ ލަންކާ އަށް ދާ ޓޫރިސްޓުންގެ އަދަދު ވޭތުވެ ދިޔަ ދެ ތިން މަސް ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށާއި މި އަހަރުގެ ޖެނުއަރީ އާއި ޖޫންއާ ދޭތެރޭގައި އިނގިރޭސިވިލާތުން ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުން އަދަދު 17.1 ޕަސެންޓް މިދިޔަ އަހަރު އެ މުއްދަތަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުން އަދަދު ވެސް 18.7 ޕަސެންޓް މަތިވެފައިވާ ކަމަށެވެ.
ލަންކާގެ ނޫހަކުން އެގޮތަށް ބުނެފައިވާ އިރު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަަރުގެ އެ މުއްދަތަށް ވުރެ 13.3 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 53,226 ޓޫރިސްޓުން އިނގިރޭސި ވިލާތުން ރާއްޖެ އަށް އައިއިރު މި އަހަރު އެ މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 46,145 ޓޫރިސްޓުންނެވެ.
އަދި ޔޫކޭގެ ޓުވާ އޮޕަރޭޓަރުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ރާއްޖެ އަށް ވުރެ ލަންކާ އަށް ޓޫރިސްޓުން ދާ މިންވަރު މިހާރު އިތުރުވެފައި ވަނީ ރާއްޖެ އަށް ވުރެ ލަންކާގައި ޗުއްޓީ ހޭދަކުރަން އަގުހެޔޮވުމުން ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިޒްނާ ޝަރީފާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ ރާއްޖެ ޓޫރިސްޓުން އަންނަ ބޮޑެތި މާކެޓްތަކުން ވެސް ޓޫރިސްޓުން އަންނަ މިންވަރު ދަށްވަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދައްވަމުން އަންނަ ކަމަށާއި އެކަމުގެ އަސްލަކީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ ރައީސް ނަޝީދު "ޔޫކޭގެ ފައިނޭންސައަލް ޓައިމުސްއަށް" ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައްވާފައިވާ ކަމަށެވެ.
"ބުކިން ހަދާފައިވާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ބުކިން ކެންސަލް ކުރާށޭ. ބުކިން ހަދަން ވިސްނަމުންދާ ކޮންމެ މީހަކަށް އަޅުގަނޑު ބުނާނީ ގާނޫނާ ހިލާފު ސަރުކާރަކަށް ފައިސާ ނުދޭށޭ،" ޔޫކޭގެ ފައިނޭންސިއަލް ޓައިމުސްގައި ނަޝީދާ ހަވާލާދީ ލިޔެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރި ކަމަށް ހީނަރު ކަމެއް މިދުވަސްވަރު އައިސްގެން އުޅެނީ ޔޫރަޕަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުންނާއި ޔޫރަޕްގައި ކުރިއަށްދާ ދުނިޔޭގެ ފެންވަރުގެ ބައެއް މުބާރާތްތަކުގެ ސަބަބުން ކަމަށެވެ. އިގްތިސާދު ރަނގަޅު ޔޫރަޕުގެ ބައެއް ގައުމުތަކުން ރާއްޖެ އަންނަ ޓުރިސްޓުން އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން ޖަރުމަނުގެ މާކެޓުން ވެސް ރެކޯޑް އަދަދަކަށް ޓުރިސްޓުން ރާއްޖެ އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންކާއަކީ މިދާއިރާގައި އަޅުގަނޑުމެންނަކާ ވާދަކުރެވޭނެ ގައުމެއްނޫން. ސަބަބަކީ ސަން، ސީ، ސޭންޑް މިއީ ލަންކާ އަށް އަޅުގަނޑުމެންނާ ވާދަކުރެވޭނެ ދާއިރާއަކަށް ނުވުން." މަލީހް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޔޫރަޕުގެ އިގްތިސާދް ރަނގަޅުވެ ރާއްޖެ އަށް އިނގިރޭސި ވިލާތުންނާއި އެހެން ގައުމުތަކުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށާއި ބޮއިކޮޓް ކުރަން ކުރަމުންދާ މަސައްކަތްތަކުގެ މާބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.