ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިހާތަނަށް ނިއުރޭޑިއަންޓު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ލީގުގެ އެއްވަނާގައި އެޓީމުން ދަމަހައްޓަމުން އަންނަ ލީޑް އަނެއްކާ ވެސް އިތުރަށް ފުޅާކޮށް ލީގާ މެދު އުންމީދު ބޮޑުއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ އޭވައިއެލްއާ ދެކޮޅަށް ކުޅުނު މެޗް 2-1 ލަނޑުން ކާމިޔާބު ކޮށް، ލީގުގެ އެއްވަނާގައި ނިއު އޮތީ 36 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި 26 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ތިން ވަނާގައި 22 ޕޮއިންޓާ އެކު އޮތީ މިރޭ ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނިކުންނަ ވިކްޓަރީ އެވެ. ވެލެންސިޔާ އޮތީ ލީގުގެ އެންމެ ފުޅުގައި އަށް ޕޮއިންޓާ އެކު އެވެ. އަދި ނިއު އަތުން ރޭ ބަލިވި އޭވައިއެލް އޮތީ 12 ޕޮއިންޓާއެކު ހަ ވަނައިގަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލިޑް ނެގީ ނިއުއިންނެވެ. އެލަނޑު ނިއުއިން ޖެހީ ލިބުނު ޕެނަލްޓީއަކަން އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އެ ޕެނަލްޓީއަކީ މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގެ ނިއުގެ ފޯވާޑް އަލީ އަޝްފާގް(ދަނގަޑޭ) ބޯޅަ ހިފައިގެން ދަނިކޮށް އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އެޓީމްގެ ގޯލްކީޕަރު ސިޔާދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު އެއް ލަނޑުގެ ލީޑަކާއެކު ނިއު އޮތް ނަމަވެސް، ދެ ވަނަ ހާފުގައި އޭވައިއެލް އިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެލަނޑު އޭވައިއެލްއިން ނިއުކޮޅަށް ޖަހާފައި ވަނީ ވެސް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ބެރެޒިލް ފޯވާޑް ސަންތޯސް އެވެ. އެހެން ނަމަވެސް އޭވައިއެލްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ކަމުގައި ވިޔަސް، އޭނގެ ހަމިނެޓް ނިއު މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު އަބްދުﷲ އެވެ.

ރޭގެ މެޗަށް ފަހު އޭވައެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު އޭނާގެ ޓީމުން ނިއުއާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ޖުމްލަކޮށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ވެސް ގޯލްޖަހަން ލިބުނު ދެ ތިން ފުރުސަތު ވެސް ކާމިޔާބު ނުވީ ނަސީބް ނެތުމުން ކަމަށް ވެސް އާތީ ވަނީ މެޗަށް ފަހު ބުނެފަ އެވެ.

'ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ލިބުނު. އެކަމަކު މިރޭ އެހުރިހާ ނަސީބެއް ނިއުއަށް. ނިއުއަށް ލަކީ ރެއެއް މީ. ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ" ރޭގެ މެޗަށް ފަހު ކޯޗް އާތީ ބުންޏެވެ.
ނިއުގެ ކޯޗް މޯހަން ބުނީ، ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު ނުލައި ކުޅުނު މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭވައެލްއަކީ ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި އެގޮތުން އެޓީމުގެ ބިދޭސީ ބްރެޒިލް ފޯވާޑް މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ވެސް މޯހަންގެ ވާހަކާގައި އޭނާ ފަހަގަ ކުރިއެވެ.

"މިލިބުނު މޮޅަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ބޭނުން ވަނީ ބާކީ ހުރި މެޗުތަކުން ވެސް ރަނގަޅު ނަތީޖާއެއް ނެރުން" މޯހަން ބުންޏެވެ.