ފެބްރުއަރީ 7، 2012ގެ ފަހުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ 52 ފުލުހަކު މިދިޔަ މަހުގެ ނިޔަލަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހާޒިރުކޮށް، ތިން ފުލުހަކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންނާ ބެހޭ ގޮތުން އިއްޔެ ފުލުސް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2005 ވަނަ އަހަރުން ފެށިގެން އޮގަސްޓް 5، 2008ގެ ނިޔަލަށް އެސްއޯގެ ހަ ފުލުހަކު އެޗްއާރްސީއެމަށް ހާޒިރުކޮށްފައިވެ އެވެ. އަދި އޮގަސްޓް 5، 2008 ފެށިގެން ފެބްރުއަރީ 7، 2012ގެ ނިޔަލަށް އެސްއޯގެ 18 ފުލުހަކު އެޗްއާރްސީއެމަށް ހާޒިރުކޮށްފައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި ނުވަތަ ރައީސް ނަޝީދުގެ ސަރުކާރުގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެސްއޯގެ 99 ފުލުހަކު ހާޒިރުކޮށް ޖަވާބުދާރީކޮށްފައިވެ އެވެ.

ފުލުހުން ކުރާ ކަންތައްތަކާ މެދު ފާރަވެރިވުމަށް، ފުލުހުންގެ ގާނޫނުން ބާރުލިބިގެން އުފައްދާފައިވާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެސްއޯގެ ފުލުހުން ހާޒިރުކުރި މައްސަލަތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުގައި 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރި މުޒާހަރާތަކުގެ އަދަދު ވެސް ހިމަނާފައިވެ އެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން އޮގަސްޓު 5، 2008ގެ ނިޔަލަށް ރާއްޖޭގައި 60 މުޒާހަރާކޮށްފައިވާ އިރު، އޮގަސްޓު 5، 2008 ފެށިގެން ފެބްރުއަރީ 7، 2012ގެ ނިޔަލަށް 113 މުޒާހަރާ ރާއްޖޭގައިކޮށްފައިވެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން މިދިޔަ މަހުގެ ނިޔަލަށް 74 މުޒާހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ބުނެ އެވެ.

ފުލުހުން ބާރުގެ ބޭނުން ކުރުމުގައި ޕެޕާ ސްޕްރޭއާއި ރަބަރު އުންޑަ ބޭނުންކޮށްފައިވާ ގޮތުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން މުޒާހަރާތައް ރޫޅާލުމަށް ޓަކައި ރަބަރު އުންޑަ ފުލުހުން އެއް ފަހަރު ބޭނުންކޮށްފައިވެ އެވެ. އަދި "ރަޔަޓް ގަން" ނުވަތަ ބަޑި ބޭނުންކޮށްގެން ފަސް ފަހަރު ކަރުނަ ގޭސް ޖަހާފައިވެ އެވެ. ނަމަވެސް އޮގަސްޓް 5، 2008 އިން ފެބްރުއަރީ 7، 2012ގެ ނިޔަލަށް މުޒާހަރާތައް ރޫޅާލުމަށްޓަކައި ނަޝީދުގެ ސަރުކާރުގައި 15 ފަހަރު ކަރުނަ ގޭސް ޖަހާފައިވާ ކަމަށް ތަފާސް ހިސާބުތައް ބުނެ އެވެ.

"23 ޑިސެންބަރު" އިއްތިހާދުން ކުރި ސިލްސިލާ 22 މުޒާހަރާތަކާއި އެމްޑީޕީގެ ސީދާ ހަރަކާތުގެ ފުރަތަމަ 22 މުޒާހަރާގެ ތަފާސް ހިސާބުތައް އަޅުވާ ކިޔާލުމުން އެންމެ ގިނައިން އެސްއޯގެ ފުލުހުންނަށް އަނިޔާވެފައި ވަނީ އެމްޑީޕީގެ ސީދާ ހަރަކާތުގަ އެވެ. އެގޮތުން އިއްތިހާދުގެ މުޒާހަރާގައި އެސްއޯގެ އެންމެ ފުލުހަކަށް އަނިޔާވެފައިވާ އިރު އެމްޑީޕީގެ ސީދާ ހަރަކާތުގައި 22 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.