15:10


އެމެރިކާގެ ފްލޮރިޑާގެ ޗަރޗަކުން ސެޕްޓެމްބަރު 11 ހާދިސާގެ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން "ގުރުއާން އަންދަމާ" ގެ ނަމުގައި ފަށާފައިވާ ކެމްޕޭނާ ދެކޮޅަށް އެމެރިކާގެ ގިނަ ބަޔަކު އަޑުއުފުލަން ފަށައިފި އެވެ.


އިސްލާމުންނާ ދެކޮޅަށް ހިތުގައިވާ ދެކޮޅުވެރިކަން ދެއްކުމުގެ ގޮތުން ޗަރޗަކުން އިސްނަގައިގެން ރާވަމުންދާ ހަރަކާތުގައި، އެމެރިކާގެ ޓުވިން ޓަވަރ ގޮއްވާލި ހާދިސާއަށް ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ އިރުއޮއްސި 6 ން 9 އަށް ގުރުއާން އެންދުމަށް ވަނީ ނިންމައިފަ އެވެ. ތަފާތު ނަސްލުތަކުން، ތަފާތު ދީންތައް ގަބޫލުކުރާ މީހުން އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށް، މިކަން އިންތިޒާމް ކުރާ ޑަވް ވޯލްޑް އައުޓްރީޗް ސެންޓަރުން ބުނެ އެވެ.


ނަމަވެސް، މިހާރުވެސް މިކަމާ ދެކޮޅަށް އެމެރިކާގެ ތަފާތު އިދާރާތަކުންނާ ޖަމިއްޔާތަކުން ވަނީ ދެކޮޅު ހަދަން ފަށައިފަ އެވެ. އެގޮތުން ގުރުއާން އެންދުމުގެ ހަރަކާތް ބާއްވާ ފްލޮރިޑާގެ އަވަށުގެ އިތުރު ނާސާރާ ދީނުގެ ލީޑަރުން ވަނީ އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާފަ އެވެ. ހަމަ އެއާއެކު، އިތުރު ޗާޗްތަކުން ވަނީ، އެ ހަރަކާތާ ދެކޮޅަށް އެމީހުންގެ ޗާޗްތަކުގައި އެއްވުންތަކެއް ވެސް ބޭއްވުމަށް ނިންމާފަ އެވެ.


މިކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ވެސް ޓްރިނިޓީ ޗަރޗުގައި ހަފްލާއެއް ބާއްވާނެ އެވެ. އަދި ފްލޮރިޑާގެ ފައަރ ޑިޕާޓްމަންޓުންވެސް ވަނީ އަލިފާން ބޭނުން ކުރުމަކީ، ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށްވާތީ، އެ ހެރަކާތް ނުބޭއްވުމަށް އަންގާ ސިޓީއެއް ފޮނުވާފަ އެވެ. އަދި އެމެރިކާގެ އެންމެ ބޮޑު ނަސާރާދީނުގެ ޖަމިއްޔާ ނޭޝަނަލް އެސޯސިއޭޝަން އޮފް އިވޭންޖަލިކްސް އިންވެސް ވަނީ އެ ހަރަކާތް ނުބޭއްވުމަށް ގޮވާލައި، ބަޔާނެއް ނެރެފަ އެވެ.    


ނަމަވެސް، ޑަވް ސެންޓަރުން ބުނާ ގޮތުގައި، އެކަމާ ދެކޮޅަށް ކިތަންމެ ބަޔަކު ތެދުވި ނަމަވެސް، އެ ހަރަކާތް ހުއްޓާނުލާ ކުރިއަށްގެންދާނެ އެވެ. އަދި އިންޓަނެޓާއި ތަފާތު މީޑިއާތަކުގައި ގެންދަނީ އެކަމަށް ހިތްވަރީ ދީ ގޮވާލަމުންނެވެ.