12 Aug 2012, 12:10
ސަރުކާރުން މާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިތުރު ފައިސާ ބޭނުންވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހުއްދައަކަށް އެދިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ރަސްމީ ފާލަން މަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އިތުރަށް ބޭނުންވާ ފައިސާ މިހާރު އެޗްޑީއެފްސީ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެޗްޑީއެފްސީ އާ ވާހަކަ ދެކެވި އެ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތަސް އެކަން ކުރެވެން އޮތީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ހުއްދަ ލިބިގެން ކަމަށާއި އެ ހުއްދަ ލިބުމާ އެކު ފުލެޓްތަކުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
"މާލޭގެ 190 ވަރަކަށް އާއިލާއަށް މިހާރު އިމާރާތް ކުރަންފެށިފައި ހުރި ތަންތަން އެއީ. އެ އިމާރާތް ކުރިއަށް ގެންދަން ބޭނުންވާ އިތުރު ފައިސާ ދިނުމަށް އެޗްޑީއެފްސީއާ ވާހަކަ ދެކެވި އެ އިންތިޒާމްތައް ނިމިފައި އޮތީ. އެހެންނަމަވެސް ހަމައެކަނި މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދޭން ޖެހޭ ހުއްދައެއް ދިނުމާ އެކީގައި އެ މަސައްކަތް ފެށޭގޮތަށް އޮތީ. އެކަން ވެސް ބާރަށް ހިނގަައިގަންނާނެ ކަމަށް ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަޖެޓުގެ ދަތިތަކާ އެކު ވެސް ރައްޔިތުންގެ އެކިއެކި ކަންކަން ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މަތީތައުލީމް ހާސިލްކުރަން ބޭނުންވާ ކުދިންނަށް ލޯނާއި ސްކޯލާޝިޕް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 1000 ކުދިންނަށް ލޯނާއި ސްކޯލާޝިޕް ދޫކުރެވިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލ. އަތޮޅުގެ ލިންކް ރޯޑުގައި ތާރައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ފެށުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އުންމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިލް ލ. އަތޮޅުގެ ލިންކް ރޯޑުގެ ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް. އެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އެބަދޭ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭގައި އިތުރު ދެ އާބަން ހެލްތު ކްލިނިކެއް އުފައްދަން އައިޖީއެމްއެޗުން ނިންމާފައިވާ ކަމަށާއި އެ ދެތަން ގާއިމް ކުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުގައި އައިޖީއެމްއެޗްގައި ބާރުބޮޑުވެފައި އޮންނަ އޮތުން ކުޑަވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.