ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ޕައިލެޓުން ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ މިހާރު ވެސް ޕައިލެޓުން މާ ގިނައެވެ. ގާތްގަނޑަކަށް 200 އެއްހައި މީހުން ބޮޑު އަގުގައި ޕައިލެޓްކަން ކިޔަވައިގެން ވަޒީފާ ނުލިބި އެބަތިއްބެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާން ކުރީ A320 އަށްކެޕްޓަނެއްހޯދުމަށާއި A330 އަށް ފަސްޓްއޮފިސަރެއްހޯދުމަށެވެ.

އެ ވަޒީފާއަށް ކުރިމަތި ލާ މީހުންގެ ޝަރުތުތަކާއެކު ލިބޭނެ މަންފާތައް ވެސް އިއުލާނުގައި ވަނީ ހިމަނައިފައެވެ. އެ ދެ މަގާމަށް ވެސްއޮންލައިންކޮށްހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ކުރިން ވިދާޅުވެފައިވަނީ މި ސަރުކާރުގައި ޕައިލެޓް ޓްރެއިނިންއަށް އިތުރު ފުރުސަތު ހުޅުވައިލާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މި ވަގުތު ކެޑޭޓް ޕައިލެޓުންނަށްވުރެ ބޮޑަށް ގައުމަށް ބޭނުންވާ އެހެން ދާއިރާތައް ހުރުމެވެ.

ނަމަވެސް، މީގެ ކުރީން ސްކޮލާޝިޕް ލިބިފައިވާ ދަރިވަރުން އިތުރަށް އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާނަމަ ސަރުކާރުން ހުރަސްނާޅާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި އިތުރު ޕައިލެޓުން އުފެއްދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މޯލްޑިވިއަނުން ގެންނަ އާ ބޯޓު -- ފޮޓޯ/ ފްރެންޗް ފްރޮގްސް ޕިކްސް

ރާއްޖޭގެ އެއްވެސް އެއާލައިނެއް ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އޭނާގެ އޭވިއޭޝަން ހަޔާތުގެ ދިގު މާޒީގައި ރާއްޖޭގެ އެއްވެސް ކެޑޭޓް ޕައިލެޓަކަށް ދުނިޔޭގެ އެއްވެސް ގައުމަކުން ވަޒީފާ ދީފައިވާތަން ފެނިފައިނުވާ ކަމަށެވެ.

ނަމަވެސް، ތަޖުރިބާހުރި ޕައިލެޓުންނަށް ނުވަތަ ކެޕްޓަނުންނަށްވުމުން ދުނިޔޭގެ އެކި ގައުމުތަކުން ވަޒީފާ ލިބިފައި އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ގްރޯތް ހުރީ 7.5 ޕަސެންޓުގައި ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ނުވަތަ ހަ އަހަރަށް ބެލި ނަމަވެސް ކެޑޭޓް ޕައިލެޓުން ނަގައި ޓްރެއިނިން ޕްރޮސެސްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ވަޒީފާދެވެނީ 20 ނުވަތަ 22 ކުދީންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަނީ މޯލްޑިވިއަންއާއި ޓީއެމްއޭއިން އެކަންޏެވެ.