އަންނަ އީދު ދުވަހު ސްޓޭޑިއަމް ސަރަހައްދުގައި ފިތުރު އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދު ކުރެވޭ ގޮތަށް އެތަން ތަޔާރު ކުރަނީ އެއްފަހަރާ އެތައް ހާސް ބަޔަކަށް އީދު ނަމާދުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށާއި އެގޮތުން ސްޓޭޑިއަމް ސަރަހައްދުގައި 25000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

"އެތަނުގައި އަންހެނުންނާއި ކުޑަކުދިންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭތޯ މަސައްކަތް ކުރަން. އިންޝާ ﷲ 250000 މީހުންގެ ޖާގަ ތަނަވަސް ކުރެވޭތޯ މިބަލަނީ،" ޝަހީމު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ސްޓޭޑިއަމް ބިން އީދު ނަމާދު ކުރުމަށް ޓަކައި ޔޫތު މިނިސްޓްރީން ދޭގޮތަށް މިހާރު ނިންމާފައިވާ ކަމަށާއި އެތަނުގެ ސިކިއުރިޓީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީއާ އެކު ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.

ސްޓޭޑިއަމްގައި އީދު ނަމާދު ކުރުމަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް 200 އަށް ވުރެ ގިނަ ޒުވާނުން ވޮލެންޓިއާ ކުރުމަށް ހުށައަޅާފައިވާ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

ސްޓޭޑިއަމް ބިމުގައި އީދު ނަމާދު ބޭއްވި ނަމަވެސް އިސްލާމިކް މަރުކަޒާއި މާލޭގެ ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދު ކުރުން ބާއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޭޑިއަމް ސަރަހައްދުގައި 2010 ވަނަ އަހަރު ވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ ދީނީ ދަރުސެއް ވެސް ބާއްވައިފަ އެވެ. އެފަހަރު ވެސް އެތަނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފަ އެވެ.