ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކަށް އެމްޑީޕީން ކުރަމުންދާ ދުއްތުރާތައް ހުއްޓާލައިފި ނަމަ އޯލް ޕާޓީ ޓޯކްސްގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ރަސްމީ ފާލަން މަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އޯލް ޕާޓީ ޓޯކްސްގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ މިވަގުތު ހުންނެވީ ޗުއްޓީގައި ކަމަށާއި ނަމަވެސް އެ ވާހަކަތަކާ ބެހޭ ގޮތުން މުޖުތަބާއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑު ވެސް މިހިރީ ވާހަކަތަކުގައި ބައިވެރިވާން ތައްޔާރަށޭ. އެހެންނަމަވެސް މަގުމަތީގައި މިހިންގާ ހަމަނުޖެހުންތަކާއި އަދި ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކަށް މިކުރާ ދުއްތުރާތައް ޖެހޭނެ ހުއްޓެން. ހުއްޓުނީމާ އަޅުގަނޑަށް ވާހަކަތަކުގައި ބައިވެރިވެވޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވިލަރެސް ވެރިޔާ ޗުއްޓީ ނިންމަވާލެއްވުމަށް ފަހު ވަރަށް އަވަހަށް އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން ލަސްތަކެއް ނުވެ ޕާޓީތަކުގެ ވާހަކަތައް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޕާޓީތަކުގެ ވާހަކައިގެ ވިލަރެސް ވެރިޔާއާ ވެސް އަޅުގަނޑު މަޝްވަރާ ކުރަމުން އެބަގެންދަން. އެމަނިކުފާނު ޗުއްޓީގައި މިހާރު ހުންނެވީ. ދާދި އަވަހަށް ވަޑައިގަތުމާ އެކީގައި އެމަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އަޅުގަނޑު މިބަލަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއާ އަޅާ ބަލާ އިރު އެމްޑީޕީގެ ދުއްތުރާތައް ވަރަށް ބޮޑުތަން ތައްކަތުވެގެން ހިނގައްޖެ ކަމަށާއި ނަމަވެސް ސަރުކާރުގެ އެކިއެކި ވެރިންނަށް ކުރާ ދުއްތުރާތައް މުޅިން ހުއްޓިފައި ނުވާ ކަމަށެވެ. އަދި ކުރިއަށް ވުރެ ކަންކަން ސުލްހަވެގެން ދިޔަކަމަށް ޓަކައި އެމްޑީޕީގެ އިސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން މިހާރު ކުރިއާ އަޅާބަލާފައި ވަރަށް ބޮޑުތަން ސުލްހަވެރިވެގެން ދިޔަ ]ކަމަށްޓަކައި[. އަޅުގަނޑު އެކަމަށްޓަކައި އެމްޑީޕީގެ ލީޑަރުންނަށް ވެސް ޝުކުރު ދަންނަވަން. ނަމަވެސް އަދިވެސް ސަރުކާރުގެ އެކިއެކި ވެރިންނަށާއި މުވައްޒަފުންނަށް ކުރާ ދުއްތުރާތައް މުޅިއަކުން ކެނޑިގެނެއް ނުދޭ. އެހެންވީމާ އަޅުގަނޑު ހީކުރަން އެކަން ވެސް ހުއްޓިގެންދާނެ ކަމަށް. އުންމީދަކީ ވީހާ ވެސް އަވަހަކަށް މަޝްވަރާތައް ]ކުރިއަށް[ ދިޔުން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުއްޓިފައި އޮތުމުން އެކަމާ ގުޅޭ މަޝްވަރާތަކުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ބައިވެރިކުރައްވާ ގޮތަށް ހަމަޖެއްސެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އެ މަޝްވަރާތައް ވެސް ކުރެވި މިހަފްތާގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.